ފޮޓޯ: އިންޑިޕެންޑެންޓް

ކޮރޭޝިއާއަށް 6.3 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ކޮރޭޝިއާއަށް 6.3 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ސެންޓްރަލް ކޮރޭޝިއާއަށް އައި މި ބާރުގަދަ ބިންހެލުމުގެ އިޙުސާސް ކައިރީގައިވާ ސާބިއާ އަދި ބޮޒްނިއާގެ އިތުރުން އޮސްޓްރިއާގެ ދެކުނުގެ ސިޓީއެއްކަމަށްވާ ގްރެޒްއަށްވެސް ކޮށްފައިވާކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ.

އަލްޖަޒީރާގައި ބުނެފައިވާގޮތުން މިބިންހެލުމުގެ ސަބަބުން ބައެއް އިމާރާތްތައްވެސް ވަނީ ވެއްޓިފައެވެ. އެގޮތުން ކްރޮއޭޝިއާގެ ވެރިކަން ކުރާ ޒަގްރެބްއާއި 60 ކިލޯމީޓަރު ދުރުގައި އޮންނަ ޕެޓްރިންޖާ ނަމަކަށް ކިޔާ ޓައުނުން ބައެއް އިމާރާތްތައް ވެއްޓިފައިވާކަމަށް ރިޕޯރޓްތައް ބުނާއިރު، ކޮރޭޝިއާގެ ރެޑް ކްރޮސުން ބުނެފައިވަނީ އެޓައުނުގެ ޙާލަތު ސީރިއަސްކަމަށް ބަލައި އެހީތެރިވުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

މި ބިންހެލުމުގައި މިހާތަނަށް ކުޑަކުއްޖަކު އަންހެން ކުއްޖަކު މަރުވެފައިވާކަމަށް ރިޕޯރޓްކޮށްފައިވާއިރު އެކުއްޖާގެ އުމުރެއް ހާމަކޮށްފައެއްނުވެއެވެ.

ޕެޓްރިންޖާގެ މޭޔަރު ޑެރިންކޯ ޑަމްބޯވިޗް އެޗްއާރުޓީ ޓީވީއާއި ވާހަކަދައްކަމުން ބުނެފައިވަނީ ޓައުނުގެ ބޮޑުބައެއް ހަލާކުވެފައިވާކަމަށާއި، ބިންހެލުމުގައި އެޓައުނުން ކުޑަކުދިންވެސް މަރުވެފައިވާކަމަށެވެ.

އެސަރަޙައްދުގެ ބޮޑު ބަޔަކަށް ގެއްލުންވެފައިވާކަން ހާމަކުރަމުން ޑަމްބޯވިޗްބުނީ އެސަރަޙައްދު މިހާރު ހީވަނީ ދެވަނަ ބޮޑު ހަނގުރާމައިގައި އެޓޮމިކް ބޮން އަޅައި ބޮޑުބައި ވިރާނާކޮށްލި ހިރޯޝިމާހެންކަމަށެވެ.

މިދިޔަ ހޯމަދުވަހުވެސްވަނީ މިސަރަޙައްދަށް ބިންހެލުމެއް އައިސްފައެވެ. އެއީ 5.2 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމެކެވެ. މީގެއިތުރުން މިދިޔަ މާރޗް މަހުވެސް ޒަގްރެބަށް ބިންހެލުމެއް އައިސްފައިވާއިރު، 5.3 މެގްނެޓިއުޑްގެ ބާރުމިނުގައި އައި އެ ބިންހެލުމުގައި އެކަކު މަރުވެ، އިތުރު 27 މީހަކަށް އަނިޔާވެފައިވަކަމަށް ރިޕޯރޓްތަކުގައިވެއެވެ.

މިލިޔުން ކިޔާލުމުން
31
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ