ލ. މާވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިއްމާލައިފިއެވެ.
މޯލްޑިވިސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ( އެމްޓީސީސީ) އިން ބުނީ މާވަަށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް އެއްކޮށް މިމަހުގެ 29 ވަނަ ދުވަހު ނިމިފައިވާ ކަމަށެވެ.
އެމްޓީސީސީ އިން އިތުރަށް ބުނީ އެ މަޝްރޫޢުގެ ދަށުން، 26،885 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، 568 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލައި 40 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހައި، 55 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލާފައިވާ ކަމަށެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ އެ މަޝްރޫޢުއަކީ 27.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
އެމްޓީސީސީ އިން ބުނީ އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 09 އޮކްޓޯބަރ 2019 ގައި ކަމަށެވެ.




