މަގުތައް ބަލަހައްޓަން މި ސަރުކާރުން އުފެއްދީ އާރު.ޑީ.ސީ

މަގުތައް ހަދައި،ބެލެހެއްޓުމަށްޓަކައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އުފައްދަވައިފި އެވެ.

100 ޕަސެންޓު ސަރުކާރު ހިއްސާވާ، 50 މިލިއަން ރުފިޔާގެ ރައުސްމާލާއެކު، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އުފައްދަން ރައީސް ނެރުއްވި ގަރާރުގައި ވަނީ ރަށްރަށުގެ މަގުތައް ރަނގަޅު ފެންވަރަށް ހަދައި، އެ ތަންތަން ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް އޮތުމަކީ މުހިންމު ކަމެއް ކަމަކަށެވެ.

"ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި، އެއްގަމު ދަތުރުފަތުރު ކުރެވޭނެފަދަ މަގުތަކެއް ރަނގަޅު ފެންވަރެއްގައި ހަދައި، ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކޮށްފައި އޮތުމަކީ، ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތަކަށްވާތީ، އެކަމަށް ޚާއްޞަކޮށްފައިވާ ކުންފުންޏެއް ޤާއިމުކުރުމުމުގެ ގޮތުން" ކުންފުނި އުފެއްދި ސަބަބު ބަޔާންކޮށް ރައީސް އޮފީހުން ވިދާޅުވިއެވެ.

"ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 95 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ މި ކުންފުނި އުފެއްދެވީ ސަރުކާރުން އެކުލަވާލާ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން، ކުރު ރާސްތާގައި އަދި ދިގު ރާސްތާގައި، އެއްގަމު ދަތުރުފަތުރު ކުރުމަށް އެއްރަށާއި އަނެއް ރަށް ގުޅާލައި، ދާލަންތައް ތަރައްޤީކޮށް އެންމެ އެކަށީގެންވާ ފެންވަރެއްގައި މިފަދަ ތަންތަން ބެލެހެއްޓުމަކީ، އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީއަށް މުހިއްމު ކަމެއްކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާތީ މިފަދަ އެންމެހައި މަސައްކަތްތައް ކުރުމަށް، އެކަމުގެ ޤާބިލުކަން ތަރައްޤީކުރެވޭފަދަ ކުންފުންޏެއް އުފެއްދެވެމުގެ ގޮތުން" ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ކުރީގެ ރައީސް މުހައްމަދު ވަހީދާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) ގެ ނަމުގައި ކުންފުންޏެއް އުފައްދައިގެން ސަރުކާރުން ހިންގި އެވެ. ނަމަވެސް، ރާއްޖޭގެ އެކި ރަށްރަށުގައި މަގު ހެދުމުގެ އިތުރުން ފުޓުބޯޅަ ދަނޑާއި ނަރުދަމާ އެޅުމުގެ މަސައްކަތް ވެސް ކުރަމުން ދިޔަ އެމްއާރުޑީސީ، ޔާމީންގެ ވެރިކަމުގައި މިދިޔަ އަހަރުގެ ކުރީކޮޅު ވަނީ އުވާލައިފައެވެ.

އެމްއާރުޑީސީ އުވާލިއިރު، އެއީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އެޅިފައިވާ ކުންފުންޏެކެވެ. އަދި އެއީ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ މެނޭޖިން ޑިރެކްޓަރުން އައްޔަންކުރި ކުންފުނި ވެސް މެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ