2021 ވަނަ އަހަރުގެ ފުރަތަމަ ދުވަހު ރާއްޖެ އަށް 1900 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
އެމިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކައިގޮތުން އިއްޔެވަނީ ރާއްޖެއަށް 1916 ފަތުރުވެރިން ރާއްޖެ އައިސްފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. ކޮވިޑް-19 އާއި ގުޅިގެން ޓޫރިޒަމް އިންޑަސްޓްރީއަށްވެސް ބޮޑު ލޮޅުންތަކެއްވަނީ އަރާފައެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުވަނީ 555،213 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. އެއީ ބޯޑަރު ބަންދުކުރުމުގެ ކުރިން (ޖެނުއަރީން މާރޗަށް) ރާއްޖެ ޒިޔާރަތްކުރި 382،760 ފަތުރުވެރިންނާއި ބޯޑަރު އަލުން ހުޅުވާލިފަހުން ޒިޔާރަތްކުރި 172،366 ފަތުރުވެރިންގެ އިތުރުން ބޯޑަރު ބަންދުކޮށްފައި ހުރިއިރު ޒިޔާރަތްކުރި 87 ފަތުރުވެރިންނެވެ.
އަދި މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޔޫރަޕުންނެވެ. އެގޮތުން މިދިޔަ އަހަރު ޔޫރަޕުގެ ގައުމުތަކުން 250،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ ރަޝިޔާއިންނެވެ. އެއީ 46،065 ފަތުރުވެރިންނެވެ. އިޓަލީއިން 45،645 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އިރު، ޔޫކޭ އިން 38،285 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއަށްވަނީ 96225 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.



