ޗައިނާއިން ރާއްޖެއަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި، މި އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 3 ލައްކައަށްވުރެ އިތުރުވެއްޖެއެވެ. ޗައިނާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ މިހާތަނަށް ޖުމްލަ 300,352 ޗައިނާ ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. މިއަދަދަކީ މިދިޔަ އަހަރު މުޅި ޖުމްލަ ރާއްޖެއަށް ޒިޔާރަތްކުރި 263,042 ޗައިނާ ފަތުރުވެރިންގެ އަދަދަށްވުރެ %14 އިތުރު އަދަދެކެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމުލަ ފަތުރުވެރިންގެ %15 ހިއްސާކުރާ މާކެޓެކެވެ.

އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ޤައުމުތައް

އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރޭގައި ޗައިނާ އެއްވަނައިގައި އޮތްއިރު، ދެން އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 5 ޤައުމުގެ ތަފްސީލު ތިރީގައި މިވަނީއެވެ:

  • ޗައިނާ: 300,352 ފަތުރުވެރިން
  • ރަޝިއާ: 239,004 ފަތުރުވެރިން
  • އިނގިރޭސިވިލާތު: 168,597 ފަތުރުވެރިން
  • ޖަރުމަންވިލާތު: 141,739 ފަތުރުވެރިން
  • އިޓަލީވިލާތު: 124,406 ފަތުރުވެރިން

ޗައިނާގެ މާކެޓް ވަރުގަދަވުމާއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ޖުމްލަ އަދަދުވެސް ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައެވެ. މިއަހަރު މިހާތަނަށް ރާއްޖެއަށް ޖުމުލަ 1.8 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެއް މުއްދަތާ އަޅާ ބަލާއިރު (1.7 މިލިޔަން) %9.8 ގެ ކުރިއެރުމެކެވެ. މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6,446 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ