އިންކަމް ސަޕޯޓަށް 221.1 މިލިއަން ރުފިޔާ ދީފި

ކޮވިޑްއާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން ދެމުންއަންނަ އިންކަމް ސަޕޯޓް އެލެވެންސް އެލެވެންސްގެ ގޮތުގައި 221.1 މިލިއަން ރުފިޔާ ދީފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 31 ޑިސެންބަރު 2020 ގެ ނިޔަލަށް އިންކަމް ސަޕޯޓް އެލެވެންސްގެ ގޮތުގައި 17،147 މީހަކަށް 221.1 މިލިއަން ރުފިޔާ ވަނީ ދީފައެވެ.

2020 ޑިސެންބަރު 31 ގެ ނިޔަލަށް ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު އަދި ނޮވެންބަރު މަހުގެ އިންކަމް ސަޕޯޓް އެލެވެންސް އަށް އެދެމުގެ ފުރުޞަތު ހުޅުވާލައިފައެވެ. އަދި 2020 ޑިސެންބަރު މަހުގެ އިންކަމް ސަޕޯޓަށް އެދުމުގެ ފުރުޞަތު ފިނޭންސް މިނިސްޓަރީން ވަނީ 10 ޖަނަވަރީ 2021 އިން 31 ޖަނަވަރީ 2021 ގެ ނިޔަލަށް ހުޅުވާލައިފައެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، އިޤްތިޞާދީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕެކޭޖްގެ މަޤްސަދަކީ ދިވެހިންނަށް ވަޒީފާގެ ޔަޤީންކަން ފޯރުކޮށްދިނުން ކަމުގައި ވީނަމަވެސް، ކޮވިޑް-19ގެ ގެއްލުމުގެ ސަބަބުން ވިޔަފާރިތަކުންވަނީ ފުޅާ ދާއިރާއެއްގައި މީހުން ވަޒީފާއިން ވަކިކޮށް މުސާރަ ކުޑަކޮށްފައިކަމަށެވެ.

އާމްދަނީއާ ގުޅޭ އެހީތެރިކަމުގެ އެލަވަންސް ތައާރަފުކުރެވިފައި މިވަނީ މިގޮތުން އާމްދަނީއަށް ނޭދެވޭ އަސަރުކޮށްފައިވާ މުވައްޒަފުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، ކުރިމަތިވެފައިވާ ދަތިތަކަށް ލުއެއް ހޯދާދިނުމުގެ ގޮތުންކަމުގައި އެމިނިސްޓްރީން ވިދާޅުވެއެވެ.

މި އެލަވަންސް ފޯރުކޮށްދެވޭނީ ދިހަ މަހުގެ މުއްދަތަކަށް (އެޕްރީލް 2020 އިން ޑިސެންބަރު 2020 އަށް) ޝަރުތު ހަމަވާ ވަކިވަކި ފަރުދުންނަށެވެ. މިގޮތުން ކޮވިޑް-19 އާ ގުޅުންހުރި ސަބަބަކާ ގުޅިގެން ދިވެހިންގެ ތެރެއިން މިވަގުތު ވަޒީފާއެއް ނެތް ފަރާތްތަކަށާއި، ނޯ ޕޭ ލީވްގައި ހުރި ފަރާތްތަކަށާއި، މުސާރައިން ބައެއް އުނިކޮށްފައިވާ ފަރާތްތަކުގެ އިތުރުން އާމްދަނީ ހޯދުމަށް ދަތިވެފައިވާ (އަމިއްލަ މަސައްކަތް ކުރާ/ ފްރީލާންސް މަސައްކަތްތެރީން)ނަށް ސަރުކާރުން އަންނަނީ އިންކަމް ސަޕޯޓް އެލެވެންސް ދެމުންނެވެ.

އެގޮތުން އިންކަމް ސަޕޯޓް އެލެވެންސްގެ ގޮތުގައި އެ ފަރާތްތަކަށް 5،000 ރުފިޔާއާއި ހަމަޔަށް މާލީ އެހީތެރިކަން ސަރުކާރުން ދަނީ ފޯރުކޮށްދެމުންނެވެ. މި އެލަވަންސަށް ކުރިމަތިލައްވާ ފަތާތްތަކުން 01 ޑިސެމްބަރ 2019 އާ ހަމަޔަށް ވަޒީފާއެއްގައި މަސައްކަތްކޮށްފައިވާ މީހެއްކަމުގައި ޝަރުތުހަމަވާން ޖެހެއެވެ.

މި އެލަވަންސް އަށް ކުރިމަތިލައްވާ ފަރާތްތަކުން، ކޮވިޑް-19 ގެ ސަބަބުން ވަޒީފާއަށް ކުރި އަސަރު، ޖޮބް ސެންޓަރުގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރިޕޯޓު ކުރައްވާށެވެ. ޖޮބްސެންޓަރުގައި އެޕްލިކޭޝަން ހުށަހެޅުއްވުމަށް، އެ ޕޯޓަލް އަށް ވަނުމަށް "އީފާސް" އެކައުންޓެއް ހައްދަވަން ޖެހިވަޑައިގަންނަވާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ