ވޭމަންޑޫ ނަރުދަމާ ނިޒާމް ނިންމުމުގެ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީ އިން ފަށައިފި

ތ.ވޭމަންޑޫގެ ނަރުދަމާ ނިޒާމުގެ ނުނިމިހުރި މަސައްކަތްތަައް، ނިންމުމުގެ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީއިން ފަށައިފިއެވެ.

މިމަސައްކަތްތައް ފައްޓަވާދެއްވާފައިވަނީ، ވޭމަންޑޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މިކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލްފާޟިލް ހަސަން ޝާހުއެވެ. މި ރަސްމީޔާތުގައި މި ކުންފުނީގެ މެނޭޖްމެންޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ތ.ވޭމަންޑޫގެ ނަރުދަމާ މަޝްރޫޢުއަކީ މީގެ ކުރިން އެހެން ފަރާތަކާއި ހަވާލުކުރެވިގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް، ސަރުކާރުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލްކޮށްފައި ވަނީ 26 އޮކްޓޯބަރު 2020 ގައެވެ.

މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައި ނެޓްވޯރކްގެ ނުނިމިވާ 319 މީޓަރުގެ ނެޓްވޯރކް ޤާއިމްކުރުމާއި، 98 މީޓަރގެ ޕަންޕިން ލައިން އެޅުމާއި ޕަންޕް ސްޓޭޝަންގެ އިލެކްޓްރޯ މެކޭނިކަލް މަސައްކަތާއި، 1 ސީ އައުޓް ފޯލް ޤާއިމްކުރުމާއި ވޭލް ޗެމްބަރ ބެހެއްޓުމުގެ މަސައްކަތާއި އެސް.ޓީ.ޕީ ބިލްޑިންގ ގެ ނުނިމި ހުރި މަސައްކަތާއި  އެސް.ޓީ.ޕީ ގެ ސިވިލް އަދި އިލެކްޓްރޯމެކޭނިކަލް މަސައްކަތް ހިމެނެއެވެ.

އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ތ.ވޭމަންޑޫގެ ނަރުދަމާ ނިޒާމުގެ ނުނިމިހުރި މަސައްކަތްތައް، ނިންމުމުގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ މުއްދަތަކީ 04 މަސް ދުވަހެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ތ.ވޭމަންޑޫގެ ރައްޔިތުންނަށް ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެއެވެ.

ޚަބަރާއި ފޮޓޯ: މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ