މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) އިންވެސް މިހިނގާ މެއި މަހުގެ ފެން އަދި ކަރަންޓް ބިލުން ޑިސްކައުންޓްދޭން ނިންމާފައިވާކަން ހާމަކޮށްފިއެވެ.
އެކުންފުނިން ބުނީ ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ނިންމަވާފައިވާ ފަދައިން، އެމް.ޑަބްލިޔު.އެސްސީ އިން ޚިދުމަތްދޭ ރަށްރަށުގައި، މި ހިނގާ މެއި މަހުގެ ފެން އަދި ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ނިންމާފައިވާކަމަށެވެ.
އެގޮތުން ގްރޭޓަރ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީގެ އިތުރުން ރ.ދުވާފަރު، ކ.މާފުށި އަދި ހދ.ކުޅުދުއްފުށީގެ ކޮންމެ ގޭބީސީ އެއްގެ 2021 ގެ މެއި މަހުގެ ފެން ބިލުން 30 އިންސައްތަ އަދި ކޮންމެ ވިޔަފާރިއެއްގެ 2021 ގެ މެއި މަހުގެ ފެން ބިލުން 20 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެކަމަށް އެކުންފުނިން ބުނެއެވެ.
މީގެ އިތުރުން، އެމް.ޑަބްލިޔު.އެސް.ސީ އިން ބުނީ، ރ.ދުވާފަރުގައި ފޯރުކޮށްދެމުންދާ ކަރަންޓްގެ ޚިދުމަތުންވެސް ޑިސްކައުންޓް ދިނުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ދުވާފަރުގެ ކޮންމެ ގޭބީސީއެއްގެ 2021 ގެ މެއި މަހުގެ ކަރަންޓު ބިލުން 40 އިންސަތަ އަދި ކޮންމެ ވިޔަފާރިއެއްގެ 2021 ގެ މެއި މަހުގެ ކަރަންޓް ބިލުން 20 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެކަމަށްވަނީ ބުނެފައެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން ބުނި ގޮތުގައި، ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އަޅުއްވަމުންމުން ގެންދަވާ ފިޔަވަޅުތަކަށް އެކުންފުނީގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެއެވެ.
ހުރިހައި ފަރާތްތަކުންވެސް ފަރުދީ ޒިންމާ އަދާކުރައްވައި މިބަލިމަޑުކަމުން އަރައިގަތުމަށްޓަކައި އެންމެން އެކުގައި، އެއްރޫހެއްގައި މަސައްކަތް ކުރުމަށް އެމް.ޑަބްލިޔު.އެސް.ސީ އިންވަނީ އެދިފައިވާއިިރު، އަތް ދޮވުމުގަޔާއި އަދި އެހެނިހެން ކަންކަމުގައިވެސް ފެން ބޭނުންކުރެއްވުމުގައި ވީހާވެސް އިސްރާފު ކުޑަވާނެހެން ފެން ބޭނުން ކުރުމަށްވެސްވަނީ އެދިފައެވެ.




