2040 ގެ ތަސައްވުރާ ގުޅޭގޮތުން ދިވެހި ކުޑަކުދިންތަކެއް ލިޔެފައިވާ ދެ ފޮތެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ހަދިޔާކުރައްވައިފިއެވެ.
'ވިޝަން 2040' އަދި '2040 ވަޓް ވުޑް އިޓް ބީ ލައިކް؟' ގެ ނަމުގައި 2040 ގެ ތަސައްވުރާ ގުޅޭގޮތުން ލިޔެފައިވާ މި ދެ ފޮތެއް ރައީސްއަށް ހަދިޔާކުރައްވާފައިވަނީ އުގައިލް ފައުންޑޭޝަނާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ގެ ފަރާތުންނެވެ.
މި ދެ ފޮތް އެ މަނިކުފާނުގެ އަތްޕުޅަށް އަރުވާފައި ވަނީ މިކަމަށްޓަކައި މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ހަފުލާއެއްގައެވެ.
މި ދެ ފޮތް އެކުލަވައިލާ ތައްޔާރުކޮށްފައިވަނީ ޕްރޮފެސަރ ޙަސަން އުގައިލްގެ އުގައިލް ފައުންޑޭޝަންގެ ކިޑްސް ސަރކަލްއިންނެވެ.
މީގެތެރެއިން 'ވިޝަން 2040' ފޮތަކީ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ ކުޑަކުދިންތަކެއް، އެ ކުދިން 2040 ވަނަ އަހަރު ދުނިޔެ އޮންނާނެކަމަށް ތަސައްވުރު ކުރާ ގޮތާ ގުޅޭގޮތުން ލިޔެފައިވާ ފޮތެކެވެ.
އަދި '2040 ވަޓް ވުޑް އިޓް ބީ ލައިކް؟' ފޮތަކީ 11 އަހަރާއި 14 އަހަރާ ދެމެދުގެ ކުޑަކުދިންތަކެއް 2040 ވަނަ އަހަރުގެ ތަސައްވުރާ ގުޅޭގޮތުން އެކުލަވައިލާފައިވާ ފޮތެކެވެ.
އެ ގޮތުން މި ދެ ފޮތުގައި ލިޔުމުންނާއި ކުރެހުމުގެ ޒަރީޢާއިން މީގެ 20 އަހަރު ފަހުން ދުނިޔޭގެ ކަންކަން އޮންނާނެގޮތުގެ ތަސައްވުރާއި، މީހުން އަދާކުރާނެ ވަޒީފާތަކާއި، ޗުއްޓީ ހޭދަކުރުމަށް ޖައްވަށް ދަތުރުފަތުރު ކުރުމާއި، އައު ހޯދުންތަކާއި، އެފަދަ އެތައްކަމެއް އެ ކުދިންގެ ތަސައްވުރުގައި ހުރިގޮތް ހިމަނާފައިވެއެވެ.
ނަންދިނުމުން ފެށިގެންގޮސް ބަނޑޭރިގަނޑާއި ފޮތުގެ ހުރިހާ ކޮންޓެންޓެއް ތައްޔާރުކޮށްފައި ވަނީ ކުޑަކުދިންކަމަށްވާއިރު، މި ދެ ފޮތް ތައްޔާރުކުރުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 400 އަށް ވުރެ ގިނަ ކުދިން އޮންލައިންކޮށް ވަނީ ބައިވެރިވެފައެވެ.




