ހައްޔަރު ކުރި މީހުންނަށް ވަނީ އިންސާނީ ޙައްޤުތަކާ ޚިލާފަށް އަމަލުކޮށްފަ: އިދިކޮޅު

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ޝަރީއަތް އިއްޔެ ކުރިމިނަލް ކޯޓުގައި ކުރިޔަށް ދިޔަ އިރު އެސަރަހައްދުގައި އިޙްތިޖާޖު ކުރި އެމަނިކުފާނުގެ ސަޕޯޓަރުންގެ ތެރެއިން ފުލުހުން ހައްޔަރުކުރި ފަރާތްތަކާމެދު އިންސާނީ ޙައްޤުތަކާ ޚިލާފަށް އަމަލުކޮށްފައި ވާކަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވިދާޅުވެއްޖެއެވެ.

އެކޯލިޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޝަރީޢަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ވަގުތު އެމަނިކުފާނު ދެކިލުމަށް ދިޔަ އެމަނިކުފާނުގެ ބައެއް ސަޕޯޓަރުންގެ ތެރެއިން ފުލުހުން ހައްޔަރު ކުރި ފަރާތްތަކާމެދު އިންސާނީ ޙައްޤުތަކާ ޚިލާފަށް ޢަމަލުކޮށްފައިވާތީ އެކަން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމަށެވެ.

އެގޮތުން ފުލުހުން ހައްޔަރުކޮށް މިއަދު ދޫކޮށްލި 3 ކަނބަލުންނާމެދު ވަރަށް އިހާނެތިކޮށް ޢަމަލުކޮށްފައިވާ ކަމަށް އެބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

އެތައް އިރެއް ވަންދެން ކާންނުދީ ބޭތިއްބުމާއި ނަމާދުކުރެވޭނެ ގޮތްވެސް ފަހިކޮށްދީފައި ނުވާ ކަމާއި އިންސާނުން ބައިތިއްބަން ހެޔުނުވާވަރުގެ ތަނެއްގައި ބޭތިއްބި ކަމަށްވެސް އެފަރާތްތަކުން ބުނެފައިވާކަމުގައި އިދިކޮޅުން ވަނީ ވިދާޅުވެފައެވެ.

މިގެ އިތުރުން ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ޢުމުރުން ދުވަސްވީ މީހަކުވެސް ހިމެނޭއިރު އެފަރާތްމެދުވެސް ވަރަށް އިހާނެތިކޮށް ކަންތައްކޮށްފައިވާކަމުގައި ވަނީ ވިދާޅުވެފައެވެ.

އެދިކޮޅުން ވިދާޅުވީ ފުލުހުންނަކީ ރައްޔިތުން ރައްކާތެރިކޮށް ރައްޔިތުންނަށް ޚިދުމަތްކުރުމަށް ހުވައެއް ކޮށްގެން ތިބޭ ބަޔަކަށް ވީހިނދު ރައްޔިތުންނާ ފުލުހުންނާ ދެމެދު އޮންނަ ގުޅުމަށް ބުރޫ އަރާގޮތަށް ސިޔާސީ ވަކި މަޤްސަދެއް ޙާޞިލްކުރުމަށްޓަކައި ފުލުހުންގެ އިސްވެރިން ކުރާ ޣައިރުޤާނޫނީ އަމުރުތަކުގެ ސަބަބުން ފުލުހުން އަދާކުރަންޖެހޭ ވާޖިބަށް ހުރަސްއެޅި މުޅި ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓިގެންދިއުމަކީ ހިތާމަކުރާ ކަމެއްކަމަށެވެ.

އެހެންކަމުން ފުލުހުން ހައްޔަރުކުރި ކަނބަލުންނާމެދު އިންސާނީ ޙައްޤުތަކާ ޚިލާފަށް ހިންގާފައިވާ މި ދަށުދަރަޖައިގެ ޢަމަލު ތަޙްޤީޤު ކުރުމަށް ކަމާ ބެހޭ މުއައްސަސާ ތަކަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް އެ ކޯލިޝަނުން ވަނީ ގޮވާލައިފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ