ސައުދީ ރަސްގެފާނު ކޮވިޑް ވެކްސިން ޖައްސަވައިފި

ސައޫދީ އަރަބިއްޔާގެ ސަލްމާން ރަސްގެފާން ކޮވިޑް ވެކްސިން ޖައްސަވައިފިއެވެ.

ސައުދީ އަރަބިއްޔާގެ ދައުލަތުގެ މީޑިއާ އިން ބުނާ ގޮތުގައި ރަސްގެފާން ހުކުރު ދުވަހު ވެކްސިން ޖައްސަވާފައި ވަނީ ސައުދީ އަރަބިއްޔާގެ ހާއްސަ އިޤުތިޞާދީ ސަރަހައްދު ކަމަށްވާ ނިއޯމީގައެވެ. އެގޮތުން ސަލްމާން ރަސްގެފާނު ވެކްސިން ޖެއްސެވި މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ސައުދީ އަރަބިއްޔާގެ ދައުލަތުގެ މީޑިއާ އިން ވަނީ އާއްމު ކުރައްވާފައެވެ.

ސައޫދީ ހެލްތު މިނިސްޓަރު، ޑރ. ތަވްފީގް ބިން ފަވްޒާން އައްރާބިއާ، ރަސްގެފާނަށް ތައުރީފު ކުރައްވައި ވިދާޅުވީ، ސައޫދީން ކޮވިޑް ފެނުނީއްސުރެ، ސަލްމާން ރަސްގެފާން އެކަމަށް ދެއްވާ އަހަންމިޔަތު ވަރަށް ބޮޑު ކަމަށެވެ.

ރަސްގެފާން ސަލްމާނަކީ އުމުރުފުޅުން 85 އަހަރުގެ ބޭފުޅަކަށް ވުމުން ކޮވިޑް-19 ޖެހިއްޖެނަމަ އެމަނިކުފާނުގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ކޮވިޑް-19 ފެތުރެން ފެށިފަހުން ސަލްމާން ރަސްގެފާން އާއްމު އެއްވެސް ހަފްލާއެއްގައި ވެސް ބައިވެރިވެ ވަޑައިއެއްނުގަންނަވައެވެ.

ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާއި ޕްރިންސް ޚާލިދު ބިން ސަލްމާން ވެސް ވަނީ ވެކްސިން ޖައްސަވާފައެވެ. ސައޫދީ އަރަބިއްޔާ އަކީ ގަލްފްގައި ކޮވިޑް ވެކްސިނަށް ދެވަނައަށް ހުއްދަ ދިން ގައުމެވެ. ވެކްސިން ބޭނުން ކުރަން އެނެމެ ފުރަތަމަ ހުއްދަދިނީ ބަހުރޭންއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ