ދުނިޔެއަށް ކުރިމަތިވެފައި މިއޮތް ކާރިސާގެ ހާލަތުގައި ބައިނަލްއަޤުވާމީ ގުޅުންތައް ދިވެހި ރާއްޖެއަށް ވަރަށް މުހިންމު ކަމަށް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ދަހިންދޫ" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން " އިންޑިއާ އައުޓް" ނަމުގައި ހިންގާ ކެމްޕޭނަށް އިޝާރާތް ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ދުނިޔެއަށް ކުރިމަތިވެފައި މިއޮތް ކާރިސާގެ ހާލަތުގައި ބައިނަލްއަޤުވާމީ ގުޅުންތައް ރާއްޖެއަށް ވަރަށް މުހިއްމު ކަމަށާއި، އެގުޅުންތަކާއި ދެކޮޅަށް މަސައްކަތް ކުރުން އެއީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.
މީގެއިތުރުން، ރައީސް ޞާލިހް ވިދާޅުވީ އެކަހެރި ވެފައިއޮތް ހާރިޖީ ސިޔާސަތު ދޫކޮށް އަވައްޓެރި ގައުމުތަކާއި ގުޅުން ބަދަހި ކުރުމުން ގައުމީ ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރެވި މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ރާއްޖެ އަށް އިހްތިރާމް ލިބިގެންދާ ކަމަށެވެ.
އެ އިންޓަވިއުގައި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާ އިން ނަގާފައިވާ ލޯނުތައް ދެއްކުމުގެ ގާބިލްކަން ސަރުކާރުގައި އެބަހުރިތޯ ސުވާލު ކުރެއްވުމުން، އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޞާލިހް ވަނީ، ޗައިނާ އަކީވެސް ރާއްޖެ އާއި ވަރަށް އެކުވެރި ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެއް ކަމަށާއި ދެގައުމުގެ ގުޅިން ރަނގަޅު ކަންތައްތަކެއް ކުރެވިގެން ދާނެ ކަމަށް އުއްމީދު ކުރައްވާކަން ފާހަގަކުރައްވައިފައެވެ.



