މިދިޔަ އަހަރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބުނު އާމްދަނީ 37 ޕަސެންޓް ދަށަށް ހިނގައްޖެއެވެ.
މީރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު މީރާއަށް ޖުމުލަކޮށް ލިބިފައިވަނީ 10.4 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މިއީ އޭގެ ކުރީ އަހަރު ލިބުނު 16 ބިލިއަން ރުފިޔާއާ އަޅާ ބަލާއިރު 37 ޕަސެންޓުގެ ދަށްވުމެކެވެ.
މިދިޔަ އަހަރު މީރާއަށް ޖީއެސްޓީގެ ގޮތުގައި 4.31 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ، މިދިޔަ އަހަރު މީރާއަށް ބަލައިގަތް ޖުމުލަ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. މިދިޔަ މަހު އާމްދަނީގެ ގޮތުގައި މީރާއަށް ބަލައިގަތީ 1.04 ބިލިއަން ރުފިޔާ އެވެ. މިއީ ކުރީ އަހަރުގެ ޑިސެންބަރު މަހާ އަޅައިބަލާއިރު 34.1 ޕަސެންޓުގެ ދަށް އަދަދެކެވެ.
ޑޮލަރުގެ އާމްދަނީއަށް ބަލާއިރު މިދިޔަ އަހަރު މީރާއަށް 296.8 މިލިއަން ޑޮލަރު ބަލައިގެންފައިވެ އެވެ. މިއީ 2019ވަނަ އަހަރު ބަލައިގަތް 653.3 މިލިއަން ޑޮލަރާ އަޅާބަލާއިރު 54 ޕަސެންޓު ދަށް އަދަދެކެވެ.
އިންކަމް ޓެކުހުގެ ގޮތުގައި 1.89 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 702.78 މިލިއަން ރުފިޔާ ލިބުނުއިރު، ގްރީން ޓެކުހުގެ ގޮތުގައި 351.95 މިލިއަން ރުފިޔާ ލިބުނެވެ.



