މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ ޓެކްސް ދައްކާ ފަރާތްތަކުން ބޭނުންކުރާ އެކައުންޓިންގ ސިސްޓަމްތަކާއި ޕީއޯއެސް މެޝިންތައް ޓެކްސް ޤާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅައިފައިވާ އެންމެހައި މަޢުލޫމާތު ބެލެހެއްޓޭނެ ފެންވަރަށް ހުރިކަން ޔަޤީންކުރުމަށް އިލްތިމާސްކޮށްފައެވެ.
މީރާއިން ނެރެފައިވާ ސަރކިއުލާގައި ފާހަގަކޮށްފައިވާ ގޮތުގައި، އެ އޮތޯރިޓީން ކުރާ އޮޑިޓްތަކުގައި ފާހަގަވެފައިވަނީ ގިނަ ފަރާތްތަކުން ބޭނުންކުރާ އެކައުންޓިންގ ސިސްޓަމްތަކާއި ޕޮއިންޓް-އޮފް-ސޭލް (ޕީއޯއެސް) ސިސްޓަމްތަކުން ބަލަހައްޓާ މަޢުލޫމާތާއި ލިޔެކިޔުންތައް ޓެކްސް ޤާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ނުފެތޭކަމެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 27 ވަނަ މާއްދާއާއި އިދާރީ ގަވާއިދުގެ 14 ވަނަ މާއްދާގެ ދަށުން، ކޮންމެ ޓެކްސް ދައްކާ ފަރާތަކުންވެސް އެފަރާތެއްގެ ވިޔަފާރި ހަރަކާތްތަކާ ގުޅޭ އެންމެހައި މަޢުލޫމާތު ފުރިހަމައަށް ރިކޯޑްކޮށް ބަލަހައްޓަންޖެހެއެވެ. އަދި މި މަޢުލޫމާތުތައް ބެލެހެއްޓުމަކީ ޤާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ޓެކްސް ދައްކާ ފަރާތުގެ ޤާނޫނީ ޒިންމާއެކެވެ.
މީރާއިން ބުނެފައިވާ ގޮތުގައި، އިލެކްޓްރޯނިކް ނުވަތަ ޑިޖިޓަލް ފޯމެޓްގައި ވިޔަފާރީގެ މާލީ ހިސާބުތައް ބެލެހެއްޓުމަކީ އެ އޮތޯރިޓީން ބާރުއަޅާ ކަމެއް ނަމަވެސް، މި ސިސްޓަމްތައް ފަރުމާކުރެވިފައި ހުންނަންވާނީ ޤާނޫނުގައި ބަޔާންކުރާ އެންމެހައި މަޢުލޫމާތު ރިކޯޑްކުރެވޭނެ ގޮތަށެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި ވަކި މަޢުލޫމާތަކާ ގުޅޭ ރިޕޯޓްތައް ޖެނެރޭޓްކުރެވޭނެ ފެންވަރަށެވެ.
މީރާއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ޓެކްސް ބަޔާންތަކުގައި ހިމެނޭ އަދަދުތަކުގެ ސައްޙަކަން ކަށަވަރުކުރެވޭނެ މިންވަރަށް ލިޔެކިޔުންތައް ބަލަހައްޓާފައި ނުވާނަމަ، އޮޑިޓްތަކުގައި އެ އަދަދުތަކަކީ ސައްޙަ އަދަދުތަކެއްކަމުގައި ނުބެލުމުގެ އިޚްތިޔާރު މީރާއަށް ލިބިގެންވެއެވެ. އެހެންކަމުން، އިލެކްޓްރޯނިކްކޮށް ލިޔެކިޔުން ބަލަހައްޓާ ހުރިހާ ފަރާތްތަކުންވެސް މި ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.