ޖިންސީ ފުރައްސާރައަށް އިންސާފުހޯދުމަށް ގޮވާލާ އިދިކޮޅު ކަނބަލުން ޖެންޑަރ މިނިސްޓްރީ ކުރިމަތީ އިހްތިޖާޖުކުރަން ފަށައިފިއެވެ.
އިދިކޮޅުން ވިދާޅުވީ މިއީ އޮކޮޓޯބަރ 19 ގައި ޖެންޑަރ މިނިސްޓަރ އާއި ބައްދަލުކުރުމަށް ރެކުއެސްޓްކޮށް ފޮނުވި ސިޓީއަށް ޖަވާބުނުލިބޭތީއާއި، ރޭޕްއާއި ޖިންސީ ފުރައްސާރައިގެ މައްސަލަތަކަށް އިންސާފުހޯދުމަށް ގޮވާލާ ކުރިއަށްގެންދާ ސުލްހަވެރި އިހުތިޖާޖެއްކަމަށެވެ.
މިކަމާއިގުޅިގެން ޕީޕީއެމްގެ ނައިބުރައީސް އަދި ނައިފަރުދާއިރާގެ މަޖިލިސް މެންބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއް ފެންމަތިވެ ރައްޔިތުން ތަފާތު ޕްލެޓްފޯމް ތަކުގައި އެ ވާހަކަތައްދައްކާއިރުވެސް ސަރުކާރުން އެކަންކަން އޮއްބާލަން ބީރުކަންފަތެއްދޭތީ ޕީޕީއެމް އާއި ޕީއެންސީގެ ކަނބަލުން އިސްނަގައިގެން ކުރިއަށްގެންދާ ސުލްހަވެރި އިހުތިޖާޖެއްކަމަށެވެ.
Jinsee furassaraige gina massalathakeh fenmathive rayyithun thafaathu platform thakugai evahakathah dhakka iruves sarukaarun ekankan obbalaa beerukanfatheh dheytheeve PPM-PNC ge kanbalun isnangavaigen @MoGFSSmv sarahahdhuga kuriyah gendhaa sulhaveri ihuthijaaj. pic.twitter.com/4QsYptq3zz
— Ahmed Shiyam (@Shiyamaldives) January 11, 2021
އިދިކޮޅުން ޖެންޑަރ މިނިސްޓްރީ ކުރިމަތީ އިހްތިޖާޖު ކުރަމުންދާއިރު އެ ސަރަހައްދުގައި ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
އަދަ މި އިހުތިޖާޖުގެ ތެރެއިން މިހާތަނަށް 5 މީހަކު ހައްޔަރުކޮށްފައިވާކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޗީފް ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވިއެވެ.
އިދިކޮޅުން މިމަހު 7 ވަނަދުވަހު ކްރިމިނަލް ކޯޓު ކުރިމަތީގައިވެސް ވަނީ އިހުތިޖާޖުކޮށްފައެވެ. އިދިކޮޅު ފަރާތްތަކުން މިއިހްތިޖާޖް ކުރިއަށް ގެންދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ކުރިއަށް ދިޔަ ވަގުތުއެވެ.




