އުމުރުން 18 އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކު ގުރޫމްކުރި މައްސަލައިގެ ތުހުމަތުގައި ބަންދުގައި ހުރި ދެ ފިރެހެނުން ދޫކޮށްލަން އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލުކޮށްފިއެވެ.
ހައިކޯޓުން ބާތިލް ކޮށްފައިވަނީ، އއ. އުކުޅަސް، ބަހާރީގެ، އިބްރާހީމް ނިހާން އަދި އއ. އުކުޅަސް، ނޫރާނީވިލާ، އަހުމަދު ފިރާޝް ބަންދުގައި ބަހައްޓާނެ ގާނޫނީ ހަމައެއްނެތް ކަމަށް ކަނޑައަޅާ އ. ރަސްދޫ މެޖިސްޓްރޭޓް ކޯޓުން 11 ފެބްރުއަރީ 2021 ގައާއި 15 ފެބްރުއަރީ 2021 ގައި ނެރުނު ދެ އަމުރެވެ.
ދައުލަތުން މި އަމުރުތައް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މި ދެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހައިކޯޓުން ބޭއްވި ޝަރީއަތުގައި، ދެމީހުންގެ ބަންދުން ދޫކޮށްލުމަށް ކޮށްފައިވާ އަމުރު ބާތިލުކޮށް، މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހުކުމް ކޮށްފައިވަނީ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
މި މައްސަލައިގައި ދައުލަތުން އިބްރާހީމް ނިހާންގެ މައްޗަށް ދައުވާ ކޮށްފައިވަނީ، 18 އަހަރުން ދަށުގެ ކުޑަ އަންހެން ކުއްޖެއް ރޭގަނޑު ވަގުތެއްގައި ގެސްޓް ހައުސްއަކަށް ގެންގޮސް، އެ ކުއްޖާ ގްރޫމް ކުރުވައިގެން ޖިންސީ އަމަލެއް ހިންގުމަށް ހިތްވަރުދީ، އެ ކުއްޖާ ލައްވާ އެހެންމީހަކާއެކުު ޖިންސީ އަމަލެއް ހިންގުވި ކަމުގެ ތުހުމަތެވެ. އަދި އަހުމަދު ފިރާޝްގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ގްރޫމްކޮށް ޖިންސީގޯނާ ކޮށްފައިވާ ކަމުގެ ތުހުމަތުގައެވެ.
އިބްރާހީމް ނިހާން އަދި އަހުމަދު ފިރާޝް ބަންދުން ދޫކޮށްލުމަށް އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލުކޮށްފައިވަނީ މިއަދެވެ.





ހިޔާލު
ދޫނުކުރާތި