ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް - ފޮޓޯ: އަވަސް

ޔާމީނަށް ހުކުމް އިއްވުން މިމަހުގެ 21 ވަނަ ދުވަހު!

އެމްއެމްޕީއާރސީ ބޮޑު ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާ ހުކުމުގެ އިސްތިއުނާފު ނިންމައި ހުކުމް އިއްވުން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަށް ތާވަލުކޮށްފިއެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން ނިންމީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އިސްތިއުނާފުގެ ހުކުމް އިއްވަން ފުރަތަމަ ތާވަލްކުރީ މިމަހުގެ 14 ވާ ބުރާސްފަތި ދުވަހަށެވެ. ނަމަވެސް މިހާރު ވަނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަށް ފަސްކޮށްފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ދައުލަތުގެ ފަރާތުން ކުރީގެ ރައީސް ޔާމިންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގައި ހުކުމް އިއްވަމުން ގާޒީ ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން އިސްލާމިކް ބޭންކް ގައި ހުޅުވާފައި ހުރި އެމަނިކުފާނުގެ އެކައުންޓަށް ދެ ފަހަރައްގެ މަތިން އެއްމިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ.

އަދި އެފައިސާ އޭސީސީ އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެ ވަޑައިގަތުމަށް ފަހު އެމްއެމްޕީއާރުސީގެ ފައިސާގެ ބަދަލުގައި އެސްކްރޯ އެކައުންޓަށް ޖަމާކޮށް އެހެން ފައިސާތަކެއްކަމަށާއި، ޚިޔާނާތުގެ ފައިސާއިން 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްމަންޓްކޮށް މަންފާ ހޯދާފައިވާ އަސްލު އޮޅުވާލައިފައިވާކަމަށެވެ.

އެހެން ކަމުން ލިބިފައިވާ ހެކިތަކަށް ބަދަލައި މަނީ ލޯންޑްރިންގެ ކުށް ފުރިހަމަވުމުގައި ދެ ރުކުނެއް ފުރިހަމަވެފައިވާކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތުގެ ދައުވާއެއް ވެސް ދައުލަތުން ކްރިމިނަލް ކޯޓުގައި ވަނީ އުފުލައިފަ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް މިހާރު ދަނީ ކުރިއަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ