އެމްޑީޕީއާއި ޕީޕީއެމް އިއްތިހާދެއް އުފެއްދުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އެހީތެރިކަމަށް އެދުމަކީ ދިވެހި ރާއްޖެއަށާއި އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތް ކަމަށް ރައްޔިތުން ޖަމިލީހުގެ ރައީސް އަދި އެމްޑީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝިދު މިހެން ވިދާޅުވީ އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕެއްގައި ދައްކާފައިވާ ވާހަކަފުޅެއްގައެވެ.
ރައީސް ނަޝީދު މީގެ ކުރިން ވެސް މިފަދައިން ވަނީ ވިދާޅުވެފައެވެ. އެގޮތުން ރައީސް ނާޝިދު ވިދާޅުވެފައިވަނީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްއާއެކު ދެން ސިޔާސީ ގޮތުން ހުރެވެން ނެތްކަމަށާއި، އަދި މިކަމާއި އެމްޑީޕީގެ ބައެއް މެންބަރުން ހިތްހަމަ ނުޖެހުނަސް އެމަނިކުފާނު ކުރައްވާނެކަމެއް ނެތްކަމަށެވެ.
ރައީސް ނަޝިދު ވިދާޅުވީ ރައީސް ޔާމިން އާއި ޕީޕީއެމްއިން މެދުމިނުގެ ދީނީ ސިޔާސަތު އަށް ތާއީދު ކުރާނަމަ އެމަނިކުފާނު އެބޭފުޅުންގެ އެހީއަށް އެދޭނެކަމަށެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ، ޕީޕީއެމްއަށް ބަދަލުތަކެއް ގެނެވި އަދި އެ ގެނެވޭ ބަދަލުތަކަކީ އިންޑިއާ އައުޓްގެ ފަލްސަފާއާއި ދުރު، ނަފްރަތުގެ ބިލަށް ތާއީދުކުރާ، މިޔުޒިކް އަށްވެސް އެއްބަސްވެވޭ ބަދަލުތަކަކަށްވެ އަދި އެ ހަމަތަކުގައި ސަރުކާރު ހިންގުމަށް އެމްޑީޕީއާއި ޕީޕީއެމްގެ އިއްތިހާދެއް އުފެއްދުމަށް ރައީސް ޔާމީންގެ އެހީތެރިކަމަށް އެދުން އެއީ ރާއްޖެ އަށާއި ޕާޓީއަށް އެންމެ ރަނގަޅު ގޮތް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ނަޝީދު މިފަދައިން ވާހަކަ ފުޅު ދައްކަވާފައިވައިރު، މީގެ ކުރިންވެސް އެމަނިކުފާނު ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރިޔާސީ ކެނޑިޑޭޓަކަށް ހުންނަވާނެކަމަށް ވިދާޅުވެފައެވެ.
އެގޮތުން ދެން އަންނަ ރިޔާސީ އިންތިޚާބު އަންނަންވާއިރަށް ބަރުލަމާނީ ޒިމާން ގެނެވިއްޖެނަމަ އެމަނިކުފާނު ހުންނަވާނީ ބޮޑުވަޒީރަކަށް ކަމަށާއި، ނަމަވެސް ބަރުލަމާނީ ނިޒާމެއް ނުގެނެވިއްޖެނަމަ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލު ކޮށްލުމަށް މީގެ ކުރިން ރައީސް ނަޝިދު ވަނީ ރައީސުލްޖުމްހޫރިއްޔާއަށްވެސް ދަންނަވާފައެވެ.
ނަމަވެސް ރައީސް ޞާލިޙް ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރައްވާނަމަ އެކަން ކުރައްވާނީ ރައްޔިތުންގެ ސީދާ ވޯޓަކުން ކަމަށް ދެކެލައްވާކަމަށެވެ.



