ފަނޑިޔާރުންގެ އަނބިން، ފިރިން ނުވަތަ ޢާއިލީގޮތުން ގާތް މީހުން ތިބޭ ކޯޓުތަކުގައި އެ ފަނޑިޔާރުންނަށް މަސައްކަަތް ނުކުރެވޭ ގޮތަށް ޤަވާއިދު އިސްލާޙުކޮށްފިއެވެ.
މިބަދަލު ގެނެސްފައިވަނީ ފަނޑިޔާރުން ޢައްޔަންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދާއި، ފަނޑިޔާރުން އަމިއްލައަށް އެދިގެން އެހެން ކޯޓަކަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ގެނެސްފައިވާ އިސްލާޙުގައެވެ.
ޖޭއެސްސީ އިން ވިދާޅުވީ މި އިސްލާހު ގެނެސްފައިވަނ،ީ ކޯޓުތަކުގެ ފަނޑިޔާރުންނަކީ އެކޯޓެއްގެ މަސައްކަތް ކުރާ މުވައްޒަފުންނާ މުޒާހަރާގެ ގޮތުން، ނުވަތަ ނަސަބުގެ ގޮތުންނާއި ނުވަތަ ކައިވެނީގެ ގޮތުން ގުޅުމެއް އޮތް ބަޔަކަށް ވެގެން ނުވާނެކަމަށް އެ ކޮމިޝަނަށް ޤަބޫލުކުރެވޭތީއާއި ފަނޑިޔާރުން ޢައްޔަނު ކުރުމުގައާއި އެއްކޯޓުން އަނެއްކޯޓަށް ބަދަލުކުރުމުގައި މިކަމަށް ރިޢާޔަތް ނުކޮށްފިނަމަ، ޝަރުޢީ ދާއިރާގެ އިދާރީ މުވައްޒަފުންގެ ގަވާއިދު 2011" ގެ 70 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރާއި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދަ ފުށުއެރުމެއް އުފެދޭނެތީއެވެ.
ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން އާއިލީ ގުޅުން ހުރި މީހުންކަމަށް ބަލަނީ އަނބިންނާއި، ފިރިންނާއި، ދަރިންގެ އިތުރުން މައިންބަފައިންނާއި، ކާފައާއި، މާމަގެ އިތުރުން އެއްބަނޑު އެއްބަފާ މީހުންނާއި، އެއްބަނޑު މީހުންނާއި، އެއްބަފާ މީހުންނާއި، ބޮޑުދައިތައާއި، ބޮޑުބޭބެގެ އިތުރުން އެއިން މީހެއްގެ ދަރިންނެވެ.
ކުރިން ފަނޑިޔާރުން އައްޔަން ކުރުމުގެ ގަވާއިދާއި އަމިއްލަ އަށް އެދިގެން ފަނޑިޔާރުން އެހެން ކޯޓުތަކަށް ބަދަލުވުމުގެ ގަވާއިދު އޮންނަ ގޮތުން، އާއިލީ ގުޅުން އޮންނަ މީހުން މަސައްކަތް ކުރާ ކޯޓުތަކަށް ބަދަލުވުމަށް ހުރަހެއް ނޯވެއެވެ.
ނަމަވެސް މިހާރު ގެނެސްފައިވާ އިސްލާހާއެކު، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގައި ބުނާ ފަދަ އާއިލީ ގުޅުން އޮންނަ މީހަކު މަސައްކަތް ކުރާ ނަމަ، އެ ކޯޓަކަށް އެ މީހަކު އައްޔަންކޮށް ނުވަތަ ބަދަލުކޮށެއް ނުދެވޭނެ އެވެ.
މި އިޞްލާޙް ގެނައުމަށް ނިންމާފައިވަނީ އެ ކޮމިޝަނުން މިދިޔަ އަހަރުގެ ޑިސެންބަރު 20 ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ 98 ވަނަ ބައްދަލުވުމުގައެވެ. އަދި މި މި ދެ އިޞްލާޙު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި 12 ޖަނަވަރީ 2021 ގައި ޝާއިޢުކޮށްފައެވެ.



