އަށް ހާހަށްވުރެ ގިނަ މައްސަލަ، ކޯޓުތަކުގައި ނުނިމި ލަސްވާ ސަބަބުތައް އެންގުމަށް ޖޭއެސްސީން އެދިއްޖެ

ކޯޓުތަކުގައި މައްސަލަތައް ލަސްވަމުންދާތީ، މައްސަލަތައް ކެންސަލްވާ ސަބަބުތައް ސެޕްޓެމްބަރު މަހު ހުށަހަޅާ ރިޕޯޓުގައި ހިމެނުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ޙުސައިން ރިޒާ އާދަމް އެދިވަޑައިގެންފިއެވެ.

ހައިކޯޓުގެ އައު ފަނޑިޔާރު ޢަބްދުﷲ ޖަމީލު މޫސާ އައްޔަންކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރިޒާ ވިދާޅުވީ، ކޯޓުތަކުގައި މައްސަލަތައް ލަސްވަމުންދާ މައްސަލައަށް ހައްލު ހޯދުމަށް ޝަރުޢީ މަރުހަލާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއް އެއް މިސްރާބަކަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

މައްސަލަތައް ލަސްވަމުންދާ ސަބަބުތަކުގެ ތެރޭގައި ހެކިން ހާޒިރުނުވުމާއި، ޚަބީރުން ނުގެނެވުމާއި، ތަރުޖަމާނުން ނުލިބުން ހިމެނޭކަމަށް ފާހަގަކުރައްވަމުން ރިޒާ ވިދާޅުވީ، މިއީ ހަމައެކަނި ކޯޓުތަކުގެ ސަބަބުން ދިމާވާ މައްސަލައެއް ނޫން ކަމަށެވެ. މިކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލް، ބަންޑާރަ ނައިބު، ފުލުހުންގެ ޚިދުމަތް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަދި ދިފާޢީ ވަކީލުންގެ ދައުރުވެސް އޮންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޯޓުތަކުގައި މިހާރު ހިނގަމުންދާ މައްސަލަތަކުގެ ތަފާސްހިސާބު ހާމަކުރައްވަމުން ރިޒާ ވިދާޅުވީ، ހައިކޯޓުގައި 981 މައްސަލައާއި، ކްރިމިނަލް ކޯޓުގައި 2،051 މައްސަލައާއި، ސިވިލް ކޯޓުގައި 4،077 މައްސަލައާއި، ފެމިލީ ކޯޓުގައި 214 މައްސަލައާއި، ޖުވެނައިލް ކޯޓުގައި 21 މައްސަލައާއި އަދި ޑްރަގް ކޯޓުގައި 1،330 މައްސަލަ ހިނގަމުންދާ ކަމަށެވެ.

މައްސަލަތައް އަވަސްކުރުމަށްޓަކައި އިހަށްވުރެ ދެގުނައަށް މަސައްކަތްކުރަން ޖެހޭ ކަމަށާއި، އެއް ދަންފަޅިން މަސައްކަތްކޮށްގެން ހުކުމަށް ވާސިލް ނުވެވޭނަމަ، ދެ ދަންފަޅިއަށް ކޯޓުތަކުގެ މަސައްކަތް ބަހާލައިގެން ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ރިޒާ ވިދާޅުވިއެވެ. އަދި ކޮންމެ ތިން މަހަކުން އެއްފަހަރު ކޯޓުތަކުގެ މައްސަލަތަކުގެ ތަފާސްހިސާބު ނަގަމުންދާ ކަމަށާއި، ކުރިއަށް އޮތް ސެޕްޓެމްބަރު މަހު ހުށަހަޅާ ރިޕޯޓުގައި މައްސަލަތައް ކެންސަލްވާ ސަބަބުތައް ހިމެނުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ