ކުވައިތުގެ ގާނޫނު ހަދާ މަޖިލީހާއި ސަރުކާރާއި ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ކުވައިތުގެ ވަޒީރުންގެ މަޖިލީސް އެއްކޮށް އިސްތިއުފާ ދިނުމަށް ބޮޑުވަޒީރަށް ހުށަހަޅައިފިއެވެ.
ވަޒީރުންގެ މަޖިލީހުގައި ހިމެނޭ އެންމެހާ ވަޒީރުން ބޮޑުވަޒީރު ޞަބާޙް އަލްޚާލިދު ޞަބާޙަށް އިސްތިއުފާގެ ސިޓީ ފޮނުވައިފައި މިވަނީ ސަރުކާރު އެކުލަވާލިތާ އެއްމަސް ދުވަހުގެ ތެރޭގައެވެ.
ކުވައިތުގެ އާ ސަރުކާރު މިދިޔަމަހުގެ 14 ވަނަ ދުވަހު އެކުލަވާލައިފައިވާއިރު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުންވަނީ ވަޒީރުންގެ މަޖިލީހަށް ބޭފުޅުން ހަމަޖައްސަވާފައިވާ ގުޅޭގޮތުންނާއި އެހެނިހެން މައްސަލަތަކާއި ގުޅޭގޮތުން އެ ޤައުމުގެ ބޮޑުވަޒީރާއި ސުވާލު ކުރެއްވުމަށް ހުށަހަޅާފައެވެ.
ވަޒީރުންގެ މަޖިލީހުގައި ހިމެނޭ އެންމެހާ ވަޒީރުން އިސްތިއުފާ ދިނުމަށް ހުށަހެޅުއްވި ނަމަވެސް އެ އިސްތިއުފާ ގަބޫލު ކުރުމާއި ނުކުރުމުގެ ބާރު ލިބިފައި އޮއްނަނީ ޤައުމުގެ އަމީރު ޝެއިޚު ނަވާފް އަށެވެ. އަމީރު ޝެއިހް ނަވާފް އެބޭފުޅުންގެ އިސްތިޢުފާ ޤަބޫލުރައްވާފައިވާކަން ނުވަތަ ނޫންކަން މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
ތެލުގެ ވިޔަފާރިކުރާ ކުވައިތަށް ތެލުގެ އަގު ދަށްވުމާއި ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން އެތަކެއް ގޮންޖެހުން ތަކަކާއިވަނީ ކުރިމަތިވެގެން ގޮސްފައެވެ.



