އިސްލާމީ ތަޢުލީމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ކުވައިތާއެކު މަޝްވަރާކޮށްފިއެވެ.
މަޝްވަރާތައް ކުރައްވާފައިވަނީ ޚާރިޖީ ވަޒީރު ޑރ.ޢަބްދުالله ޚަލީލް މިހާރު ކުވެއިތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ޚާރިޖީ ވަޒީރު ޑރ.ޢަބްދުالله ޚަލީލް ކުވެއިތަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެތެރެއިން އެޤައުމުގެ މިނިސްޓަރ އޮފް އެންޑޯމަންޓްސް އެންޑް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު އިބްރާހީމް މުޙައްމަދު އަލް-ވަސްމީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދީނީ ކަންކަމާއި އިސްލާމީ ތަޢުލީމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ޚާރިޖީ ވަޒީރު ކުވެއިތަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޢަލީ އަލް ޔަހްޔާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ވަޒީރު ޚަލީލުގެ މި ދަތުރުފުޅުގައި ކުވެއިތުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދު އުފެދިފައިވާ ޒަމާންވީ އަޙުވަންތަ ކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ އެހީ ހޯދުމާގުޅޭގޮތުންވެސް މި ބައްދަލުވުންތަކުގައި މަޝްވަރާކުރެވިފައިވާކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.
ވަޒީރުގެ މި ދަތުރުފުޅުގައި ކުވައިތުގެ މިނިސްޓަރ އޮފް ފައިނޭންސް އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް އެފެއާޒް އެންޑް އިންވެސްޓްމަންޓް ޑރ. ނޫރާ ސުލައިމާން ސާލިމް އަލް-ފައްސާމްއާވެސް ވަނީ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ރާއްޖޭގެ މިހާރުގެ މާލީ ހާލަތުގެ އިތުރުން އިޤްތިޞާދީ ކުރިއެރުންތަކާއި ބެހޭ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި މާލީ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
 
								
 
											
 
								 
								 
								

 
														 
														 
														 
														 
														 
														