މުދާ އުފުލާ ދޯންޏެއް ދިޔަވާތީ ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ

މުދާ ހިފައިގެން ދަތުރުކުރަމުންދިޔަ ދޯންޏެއް ތުޅާގިރި ކައިރިން ދިޔަވާތީ ފުލުހުންނާއި އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، މި ދޯނި ދިޔަވާކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން މެރިން ޕޮލިސް އިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، އެމްއެންޑީއެފް އާއި މެރިން ޕޮލިސް ގުޅިގެން ޕަމްޕަ ޖައްސައިގެން ދިޔަ ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (ޢެމްއެންޑީއެފް) އިން ވިދާޅުވީ، "އައިމާ-8" ނަމަކަށް ކިޔާ 100 ފޫޓްގެ ދޯންޏެއް ދިޔަވަމުންދާތީ އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާ ކަމަށާއި، ދިޔަވި ދޯނި ދަތުރުކުރަމުން ދިޔައީ ރަސްފަރުހުރާއިން ފުރައިގެން ހުޅުމާލެއަށް ކަމަށެވެ.

ރިސޯޓުން ޖަމްބޯ ބޭގް އަދި ސިމެންތި އަރުވައިގެން ދިޔަ މި ދޯނި ދިޔަވާކަމުގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު ހެނދުނު 11:51 ހާއިރު ކަމަށާއި، ޕަމްޕް ބޭނުންކޮށްގެން ދިޔަވުން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށާއި، ހާދިސާ ހިނގިއިރު ދޯނީގައި ދެވެއްސެއްގެ އިތުރުން ހަތަރު ބިދޭސީން ތިބިކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް