ކުރީގެ ރައީސް އަބްދުﷲ ޔާމީން އެބޭފުޅާގެ ވެރިކަމުގައި ފެއްޓެވި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބައްލަވައިލުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވަޑައިގެންނެވުމުން އިދިކޮޅު ޕީޕީއެމް ޕީއެންސީ ގެ ޕްރޮގްރެސިވް ކޯލިޝަނުން ފާޑު ކިޔުއްވައިފިއެވެ.
އެގޮތުން ރައީސް ޞާލިހް އިއްޔެ ވީއައިއޭ އަށް ވަޑައިގެން މަސައްކަތް ދާ ގޮތް ބައްލަވަން ހުންނެވި ފޮޓޯތައް އެމްއޭސީއެލް އިން ޓްވީޓް ކުރުމުން އެ ރިޓްވީޓް ކުރައްވަމުން، ޕީއެންސީގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ، ރައީސް ޔާމީން އެންމެ ފަސް އަަހަރުން ކުރިއަށް ގެންދެވި ބިޔަ މަޝްރޫއުތައް ބައްލަވަން ރައީސް ސޯލިހް ވަޑައިގަންނަވަނީ ހުސްވަގުތު ފުރުއްވާ ފޮޓޯ ނެންގެވުމުގެ ބޭނުމުގައި ކަމަށެވެ.
މީގެއިތުރުން، ބިޔަ މަޝްރޫއުތަކުގެ މަސައްކަތް ބައްލަވަން ވަޑައިގެން ނަމަވެސް ރައީސް ޞާލިހްގެ ސަރުކާރުގެ "ކަންނެތް" ކަމުގެ ތަސައްވުރު ބަދަލެއް ނުކުރެވޭނެ ކަމަށްވެސް މެމްބަރު ސައީދު ވިދާޅުވިއެވެ.
ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއަކީ ގާތްގަޑަކަށް 1.2 ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުބޮޑު މަޝްރޫއެކެވެ. މި މަޝްރޫއު ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. މި މަޝްރޫއުގައި ހިމެނޭ ޓާމިނަލް މަސައްކަތް ފިޔަވައި އެހެން ބައެއް މަސައްކަތްތައް ޔާމީންގެ ވެރިކަން ނިމުނުއިރު ވެސް ވަނީ ނިމިފައެވެ.




