ފިލްމް "ޕިޗް ޕާރފެކްޓް" އިން އާންމުންގެ މެދުގައި މަޝްހޫރުކަން ހޯދި އެކްޓްރެސް ރެބެލް ވިލްސަން މިވަނީ އޭނަގެ ހަޔާތުގައި ހިނގާފައިވާ، މީގެ ކުރިން ހިއްސާކޮށްފައިނުވާ ހާދިސާއެއް އާންމުންނަށް ކިޔައިދީފައެވެ.
އެގޮތުން 10 އަހަރުގެ މި އެކްޓްރެސް ހާމަކުރިގޮތުގައި، މީގެ ކުރިން ބަޔަކު މީހުން ވަނީ އޭނާ ކިޑްނެޕް ކޮށްފައެވެ. މި ހާދިސާ ހިނގީ އެފްރިކާގައެވެ.
ރެބެލް މިވާހަކަ ހިއްސާކުރީ، ޕްރެޒެންޓަރ އެންޓް މިޑްލްޓަން ގެނެސްދޭ ޝޯ "ސްޓްރައިޓް ޓޯކިން" ޝޯގައި ބައިވެރިވެ، ވާހަކަދައްކަމުންނެވެ.
ރެބެލް ކިޔައިދިންގޮތުގައި، މި ހާދިސާ ހިނގި ވަގުތު އޭނާ އާއެކު އިތުރު އަންހެނުންތަކުންވެސް އިނެވެ. އަދި ކިޑްނެޕް ކޮށްފައިވަނީ، ބަޑިން ބިރުދައްކައިގެންނެވެ. އެގޮތުން ޓަރަކެއްގައި އެތަނަށް އައި ބަޔަކު ބަޑި ދިއްކުރުމަށްފަހު، އެމީހުން އަރައިގެން ހުރި ކާރުން ފޭބުމަށް އަމުރުކޮށް، މީހުން ނޫޅޭ ސަރަހައްދުގައި ހުރި ގެއަކަށް ގެންދިޔަ ކަމަށް ރެބެލް ބުންޏެވެ.
ނަމަވެސް ކިޑްނެޕް ކުރި މީހުން ރެބެލްމެންނަށް އެއްވެސް އަނިޔާއެއް ކޮށްފައި ނުވާކަމަށް އޭނާ ބުންޏެވެ. އެގޮތުން އެމީހުން އެރޭ އެ ގޭގައި ބޭތިއްބުމަށްފަހު އަނެއް ދުވަހުގެ ހެނދުނު ދޫކޮށްލީކަމަށް ރެބެލް ބުންޏެވެ.
އެމީހުން ކިޑްނެޕް ކުރީ ކޮން ބޭނުމެއްގައި ކަމެއް ނޭނގޭ ކަމަށް ރެބެލް ބުނެފައިވެއެވެ.
ރެބެލް ވިލްސަން ދާދިފަހަކުން ވަނީ، ވަރަށް ބޮޑަށް ބަރުދަން ލުއިކުރުމަށްފަހު، ހިކުމަށް އޭނާ ކަނޑައަޅާފައިވާ އަމާޒު ހާސިލުކޮށްފައެވެ.
ރެބެލް ވިލްސަން އަކީ، ހޮލީވުޑްގެ އަންހެން ބަތަލާއިންގެ ތެރެއިން ހަށިގަނޑު ފަލަ ވުމުން އަކަމާއި ލަދުނުގަނެ، ފަސްޖެހުމެއްނެތި ، ހިތްވަރާއެކު މަސައްކަތްކޮށް ކުރިއަރާއި ދިއުމުގެ ސަބަބުން ފޭނުންގެ މެދުގައި ވަރަށް ބޮޑަށް މަޝްހޫރުވި ފަންނާނެކެވެ.
ނަމަވެސް، އެކްޓަރަކަށްވެ މަޝްހޫރު ވުމުގެ ސަބަބުން ދިމާވާ ކަންކަމުގައި މާ ބޮޑަށް ވިސްނާ، ސްޓްރެސް ވުމުގެ ސަބަބުން ވަރަށް ގިނައިން ފޮނި އެއްޗެހި ކެވޭކަމަށް އޭނާ ވަނީ ބުނެފައެވެ. އެހެންކަމުން ދުޅަހެޔޮކޮށް ހުރުމަށް ހަށިގަނޑުގެ ބަރުދަން ލުއިކުރުމުގެ މަސައްކަތް ފަށާ، ރެބެލް ވަނީ ކާމިޔާބީ ހޯދައިފައެވެ.




