"ޕިޗް ޕަރފެކްޓް"ގެ އެކްޓްރެސް ރެބެލް ވިލްސަން ވަރަށް ބޮޑަށް ބަރުދަން ލުއިކުރުމަށްފަހު، އެކަން ސެލްފީއަކުން ފޭނުންނަށް އަންގައިފިއެވެ.
އެގޮތުން ރެބެލްގެ އޮފިޝަލް އިންސްޓަގްރަމްގައި ހިއްސާކުރި ސެލްފީއަކާއެކު، ފޭނުންކައިރީ އޭނާ އެދުނީ، މީގެ ފަހުން އޭނައާ ދިމާއަށް "ފިޓް އޭމީ" ކިއުމަށެވެ.
"އޭމީ" އަކީ މަޝްހޫރު ފިލްމް "ޕިޗް ޕަރފެކްޓް" ރެބެލް އަދާކުރި ކެރެކްޓަރގެ ނަމެވެ. އަދި ފިލްމްގައި އޭނާއަށް ދީފައިވާ ވަނަމަކީ "ފެޓް އޭމީ"އެވެ. އެގޮތުން މި ފިލްމަށްފަހުވެސް ފޭނުންގެ މެދުގައި މި ނަން މަޝްހޫރުއިރު، އެ ނަމާއި ގުޅުވައިގެން، ރެބެލްގެ މި އާދަޔާ ހިލާފު ޓްރާންސްފޮމޭޝަންއަށްފަހު، އޭނާ އެދުނީ ވަނަމަކަށް ދެން "ފިޓް އޭމީ"ކިއުމަށެވެ.
ރެބެލް ވިލްސަން އަކީ، ހޮލީވުޑްގެ އަންހެން ބަތަލާއިންގެ ތެރެއިން ހަށިގަނޑު ފަލަ ވުމުން އަކަމާއި ލަދުނުގަނެ، ފަސްޖެހުމެއްނެތި ، ހިތްވަރާއެކު މަސައްކަތްކޮށް ކުރިއަރާއި ދިއުމުގެ ސަބަބުން ފޭނުންގެ މެދުގައި ވަރަށް ބޮޑަށް މަޝްހޫރުވި ފަންނާނެކެވެ.
View this post on InstagramA post shared by Rebel Wilson (@rebelwilson) on
ނަމަވެސް، ރެބެލް ވިލްސަން ދާދިފަހަކުން ވަނީ، ހަށިގަނޑުގެ ބަރުދަން ލުއިކުރުމުގެ މަސައްކަތް ފަށައިފައެވެ. އެގޮތުން މީގެ ތިން ދުވަސްކުރިން އިންސްޓަގްރަމްގައި އޭނާ ހިއްސާކުރި ޕޯސްޓެއްގައި ބުނީ، އޭނަގެ ބަރުދަން ލުއިކުރުމުގެ ގޯލްއަށް ވާސިލުވުމަށް ދެން ނުގޮސް ހުރީ އެންމެ 3 ކިލޯ ކަމަށެވެ.
"ޕިޗް ޕަރފެކްޓް" ގެ ތިން ފިލްމުންވެސް ރެބެލް ފެނިގެންދިޔައިރު، އޭނާ އެންމެ ފަހުން ފެނިގެންދިޔަ ފިލްމަކީ، މިއުޒިކަލް ޑްރާމާ ފިލްމް "ކެޓްސް"އިންނެވެ.




