ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢިލް

"ސަރުކާރުގެ ނުކުޅެދުމަކީ ދަރިންގެ ފުރާނައަށް އިހުމާލުވުމަށް ލިބޭ ލައިސަންސެއްނޫން"

ސަރުކާރުގެ ނުކުޅެދުމަކީ ދަރިންގެ ފުރާނައަށް އިހުމާލު ވުމަށް ލިބޭ ލައިސަންސްއެއް ނޫންކަމުގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢިލް ވިދާޅުވެއްޖެއެވެ.

މުޙައްމަދު އިސްމާޢިލް މިހެން ވިދާޅުވެފައި ވަނީ މާލޭގެ ބައެއް ސްކޫލްތަކުންނާއި އަތޮޅު ތެރޭގެ ސްކޫލްތަކުންވެސް ކޮވިޑްއާއި ގުޅުން ހުރި ކޭސްތައް ފެންނަމުން ދާދުވަސްކޮލެއްގައެވެ.

އެގޮތުން މީގެ ތިން ދުވަސް ކުރިން އަމީއްޔާ ސްކޫލްގެ ގްރޭޑް3 ގެ ޓީޗަރެއް ކޮވިޑަށް ޕޮޒިޓިވްވެ އޭނައާއި ކޮންޓެކްޓްވި އިތުރު ޓީޗަރުންތަކެއް މޮނިޓަރިންއަށް ލާފައިވެއެވެ. ނަމަވެސް އެއްވެސް ދަރިވަރެއް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވިފައި ނުވާކަމުގައި އެޗްއީއޯސީ އިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ބިލަބޮންގް އިންޓަނޭޝަނަލް ސުކޫލުގައި ކިޔަވަމުންދާ 4 ދަރިވަރަކުވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އަދި ގއ. ވިލިގިނލީގައި ހުންނަ ގއ. އަތޮޅު މަދަރުސާގައި ތައުލީމް ހާސިލްކުރަމުންދާ ދެކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެ އެސުކޫލުގެ ކިޔަވައިދިނުންވެސް ވަގުތީ ގޮތުން ވަނީ ހުއްޓާލައިފައެވެ.

ހަމައެހެންމެ އިއްޔެ ވަނީ މުހްޔިއްދީން ސްކޫލުގައި، މަސައްކަތް ކުރާ މަސައްކަތު މީހެއްވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

މި ސްކޫލްތަކުގެ އިތުރުން ގާޒީ ސްކޫލުގެ ޓީޗަރަކާއި، ޖަމާލުއްދީން ސްކޫލްގެ ގްރޭޑް 9 ގެ ދަރިވަރެއްވެސް މިއަދު ވަނީ ކޮވިޑް-19 ޕޮޒިޓިވް ވެފައެވެ. އެގޮތުން ގާޒީ ސްކޫލްގެ ކޭސްއާ ގުޅިގެން މިހާތަނަށް 12 ޓީޗަރަކު ކޮންޓެކްޓް ޓްރޭސިންއިން ދެނެގަނެވިފައިވާއިރު، ޖަމާލުއްދީން ސްކޫލްގެ ކޭސްއާއި ގުޅިގެން ހަތަރު ދަރިވަރަކު ވަނީ ކޮންޓެކް ޓްރޭސިންއިން ދެނެގަނެވިފައެވެ.

2020 ވަނަ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފެށިތާ އެއްހަފްތާ ވެފައިވާއިރު، ގިނަ ސްކޫލްތަކަކުން ކޮވިޑް ކޭސްތައް މިވަނީ ފެނިފައެވެ.

މިކަމާއި ގުޅިގެން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢިލް ވިދާޅުވީ ސްކޫލްތަކުން ކޮވިޑްކޭސްތައް ފެންނަމުން ދާތީ ކަންބޮޑުވާކަމަށާއި، ދަރިންގެ ސިއްހަތް ވަރަށް މުހިންމުކަމަށެވެ.

ސަރުކާރުގެ ނުކުޅެދުމަކީ އަޅުގަނޑުމެންގެ ދަރިންގެ ހަށިގަނޑާއި ފުރާނައަށް އިހުމާލު ވުމަށް ލިބޭ ލައިސަންސް އެއްނޫން ކަމުގައި މުޙައްމަދު އިސްމާޢިލް ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ