"ފައިސާ ގޯންޏަށް އަޅައިގެން ބެހި މެންބަރު ކޮމެޓީއަށް ހާޒިރު ނުކުރަނީ ކީއްވެ؟"

އެމްއެމްޕީއާރުސީގެ ފައިސާ ގޯންޏަށް އަޅައިގެން އެ ފައިސާ ބެހި ކުރީގެ މަޖްލިސް މެންބަރު މުޙައްމަދު އިސްމާޢިލްއާއި ސުވާލު ނުކުރަނީ ކީއްވެތޯ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ ސުވާލު ކުރައްވައިފިއެވެ.

ރީކޯ ވިދާޅުވެފައި ވަނީ އެމްއެމްޕީީއާރުސީ ގެ ފައިސާ ގޯންޏަށް އަޅައިގެން މަޖްލިސް ތެރެއަށް ވަދެ އެފައިސާ ބެހިކަމަށް އަމިއްލަޔަށް އިޢުތިރާފުވި ކުރީގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުޙަންމަދު އިސްމާލު މަޖްލީހު ކޮމެޓީއަށް ހާޒިރުކޮށް ސުވާލުނުކުރަނީ ކީއްވެތޯކަމަށެވެ.

ރީކޯ މިފަދައިން ސުވާލު އުފެއްދުވެމައި ގުޅިގެން މުޙައްމަދު އިސްމާއިލް ވަނީ އެކަމަށް ރައްދު ދެއްވާފައެވެ.

އެގޮތުން މުޙައްމަދު އިސްމާއިލް ވިދާޅުވީ ރީކޯ ކޮންމެ ސަރުކާރަކުން ނަހަމަ މަންފާ ނަގަމުން ދާކަން މުޅި ދިވެހި ރައްޔިތުން ދަންނަކަމަށާއި، ރީކޯއާއި ސުވާލު ކުރުން މާ ލާއިގު ކަމަށެވެ.

"ތިލަފުށި ބިން ހިއްކުމުގެ ނަމުގައި ނެގި ފައިސާއާއި ބެހޭ ގޮތުންނާއި، ލ. އަތޮޅުން ހޯދާފައި އޮތް ދެ ފަޅު ރަށުގެ ސުވާލު ކުރުން މާ މޮޅުވާނެ" މުޙައްމަދު އިސްމާޢިލް ވިދާޅުވިއެވެ.

މީގެ އިތުރުން މުޙައްމަދު އިސްމާޢިލް ވިދާޅުވީ އެމްއެމްޕީއާރުގެ މައްސަލާގައި ސުވާލު ކުރާނެ ކުޑަވެސް ޖާގައެއް ނޯންނާނެކަމަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވަނީ އެކަން ބަލާފައިކަމަށެވެ.

ކުރީގެ މެންބަރު މުޙައްމަދު އިސްމާޢިލް މިހެން ވިދާޅުވި އިރު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އޭނާ ވަނީ އެމްއެމްޕީއާރްސީގެ ފައިސާ، ގޯނި ގޯންޏަށް އަޅުއްވައިގެން އެމްޑީޕީގެ މެންބަރުންނަށް ބައްސަވަން އުޅުއްވިކަމަށް ވިދާޅުވެފައެވެ.

މި މައްސަލާގައި އޭނާ ވަނީ އޭސީސީއަށްވެސް ހާޒިރު ކޮށްފައެވެ. ނަމަވެސް އޭސީސީއަށް އޭނާ ދެއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ގޯނި ގޯންޏަށް ފައިސާ އަޅައިގެން ބެއްސެވި ކަމަށް ވިދާޅުވެ ދެއްކެވީ އެއްވެސް ހަގީގަތެއް ނެތް ސިޔާސީ ވާހަކައެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
22311
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ