މާލޭ ފަތާ ޓްރެކް ތަރައްޤީކުރުމަށް ކުރިއަށްދާ މަޝްރޫޢު، އިރާދަކުރެއްވިއްޔާ އަންނަ މަހުގެ ކުރީކޮޅު ނިމުމަކަށް އަންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެންވިދާޅުވެފައިވަނީ މާލޭ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
"މާލޭގެ ފަތާ ޓްރެކް އެއޮތީ މިތަނާ މާ ދުރަކު ނޫން. އެތައް އަހަރެއް ފާއިތުވެގެން ދިޔައިރު، އެތަން އޮތް ގޮތް ހުރިހާ ބޭފުޅުންނަށްވެސް ފެނިވަޑައިގަންނަވާނެ. އަތްވާއި ވާރެއިން ހިޔާވެވޭނެ ގޮތެއް އެތަނަކު ނެތް. އެކަށީގެންވާ ޗޭންޖިންގ ރޫމެއްވެސް ނެތް. އެއީ، ފަތަން ދާ މީހުންނަށާއި، ފެތުމުގެ މުބާރާތްތަކަށް ފަރިތަކުރާ އެތުލީޓުންނަށްވެސް އެކަށީގެންވާ ގޮތަކަށް އޮތް ތަނެއް ނޫން." ރައީސް ވިދާޅުވިއެވެ
ރައީސް ޞާލިޙްގެ ވާހަކަ ފުޅުގައި ވިދާޅުވީ، ފަތާ ޓްރެކް ތަރައްޤީކުރުމުގެ މަޝްރޫޢު ނިމޭއިރު އެތަނުގައި ހުންނާނީ ހިޔާވެވޭނެ ގޮތަށް ހެދިފައިކަމަށާއި އަދި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ޗޭންޖިންގ ރޫމްތަކާއި، ފާޚާނާއާއި، ފެންވަރާނެ ތަންތަން އެތަނުގައި ހުންނާނެކަމަށެވެ.
"އޭރުން، އެތަން ބޭނުންކުރުމުގައި މިހާރު ދިމާވާ، ވަރަށް ގިނަ މައްސަލަތައް ޙައްލުވެ، އެތުލީޓުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ." ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ ވާހަކަފުޅު ނިއްމާލަމުން ވިދާޅުވީ،އުންމީދަކީ ޤާއިމުކުރާ ކުޅިވަރު ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން، ބައިނަލްއަޤްވާމީ މުބާރާތްތަކުން ރާއްޖެއަށް ރީތި ނަން ހޯދައިދޭނެ ގިނަ ޒުވާނުންތަކެއް އުފެދިގެން ދިޔުންކަމަށެވެ. ހަމައެފަދައިން، ކުޅިވަރުގެ ޒަރީއާއިން، ޢާންމު ޞިއްޙަތަށް ރައްޔިތުން ދޭ ސަމާލުކަން އިތުރުވެގެން ދިޔުމަކީވެސް، ވަރަށް އެދޭ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.




