އއ. ވެލިގަނޑު އައިލެންޑް ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން އެމްއެންޑީއެފް އިން ވިދާޅުވީ، އއ. ވެލިގަނޑު އައިލެންޑް ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފަޔަރ އެންޑް ރެސްކިއު ޓީމުން ދަނީ އެ ރިސޯޓަށް ދަތުރުކުރަމުން ކަމަށެވެ.
ވެލިގަނޑު އައިލެންޑް ރިސޯޓްގައި ރޯވެފައިވަނީ ގެސްޓް ރޫމެއްގައި ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އެ ރިސޯޓްގެ މުވައްޒަފުން ވަނީ މިހާރު ރޯވި އަލިފާން ގަނޑު ކޮންޓްރޯލުކޮށްފައެވެ.
ވެެލިގަނޑު އައިލެންޑް ރިސޯޓްގައި ހިނގި އަލިފާނުގެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު މެންދުރު 14:15 ހާއިރެވެ.

މިހާދިސާގައި ގެސްޓް ރޫމް އެއްކޮށް އަނދާފައިވާކަމަށާއި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއްވައެވެ.




