އިންތިޚާބު ބޭއްވުމަށް ހަދަންޖެހޭ ގައިޑްލައިން ހަދައި އެޗްޕީއޭއީން އީސީއަށް ފޮނުވައިފި

އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިޚާބު ބޭއްވުމަށް ހަދަންޖެހޭ ގައިޑްލައިން އެޗްޕީއޭއިން އެކުލަވާލާ އިލެކްޝަންސް ކޮމިޝަނުގެ މަޝްވަރާއަށް މިއަދު ފޮނުއްވައިފިއެވެ.

ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން އިއުލާންކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވާއިރު، އިންތިޚާބު ކުރިއަށް ގެންދަންވާނީ، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކަމަށް ފާސްކުރި އިޞްލާހުގައިވެއެވެ.

އަދި އިންތިޚާބުގެ ކަންކަން ފެށުމަށް އިލެކްޝަނަސް ކޮމިޝަނުން ނިންމާ ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ އުސޫލުތައް އެކުލަވާލާ ޢާންމުކުރަންވާނެކަމަށްވެސް މަޖިލީހުން ގެނައި އިޞްލާހުގައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް އާއި ހަވާލާދީ ޕީއެސްއެމް ނޫހުގައި ރިޕޯޓް ކޮށްފައިވަނީ، ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް އިންތިޚާބު ކުރިއަށް ގެންދިއުމަށް ހަދަންޖެހޭ ގައިޑްލައިން އެކުލަވާލައި އެޗްޕީއޭއިން މިއަދު އެކޮމިޝަނުގެ މަޝްވަރާއަށް ފޮނުއްވާފައިވާ ކަމަށެވެ. އެހެންކަމުން އިންތިޚާބުތަކާއި ބެހޭ އެޑްވައިޒަރީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް މާދަމާ ބޭއްވުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އަދި އެ ބައްދަލުވުމުގައި އެ ގައިޑްލައިނާއި، އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުމަށާއި، އެނޫންވެސް އިންތިޚާބާއި ގުޅޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

މިހާރު ޤާނޫނު ބުނާ ގޮތުން އަންނަ މެއި މަހުގެ 9 ވަނަ ދުވަހުގެ ކުރިން އިންތިޚާބު ބާއްވާ ނިންމަންޖެހެއެވެ. އެ މުއްދަތުގެ ކުރިން އިންތިޚާބު ނުބޭއްވިދާނެ ޙާލަތެއް އޮތްކަމަށް އިލެކްޝަންސް ކޮމިޝަނަށް ފެނިއްޖެނަމަ 30 ދުވަހުގެ ތެރޭގައި އެކަން އެ ކޮމިޝަނުން މަޖިލީހަށް އަންގަންޖެހޭނެކަމަށްވެސް އަލަށް ގެނައި އިސްލާހުގައިވެއެވެ.

އަދި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތައް އެކުލަވާލަންވާނީ ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު އިންތިޚާބު ބޭއްވޭނެގޮތަށްކަމަށްވެސް މި އިޞްލާހުގައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ