ސިޔާސީ 5 ޕާޓީއަކަށް 27 މިލިޔަން ރުފިޔާ ދޫކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ) އިން، ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކުރާ މެންބަރުންގެ ޢަދަދު ހަމަވާ ފަސް ސިޔާސީ ޕާޓީއަކަށް ޖުމްލަ 27 މިލިޔަން ދިވެހި ރުފިޔާ ދޫކޮށްފައިވާކަމަށް ހާމަކޮށްފިއެވެ. މި ފައިސާއަކީ ސިޔާސީ ޕާޓީތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާއެވެ.

އީސީގައި ރަޖިސްޓްރީކޮށްފައިވާ 9 ޕާޓީގެ ތެރެއިން މި ފައިސާ ދޫކޮށްފައިވަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، ޖުމްހޫރީ ޕާޓީ (ޖޭޕީ)، ޢަދާލަތު ޕާޓީ (އޭޕީ) އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އަށެވެ. އީސީން ވިދާޅުވީ، މިއަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10,000 މެންބަރުން ހަމަވި ޕާޓީތަކަށް މި ފައިސާ ދޫކޮށްފައިވާ ކަމަށެވެ.

މި ފައިސާ ޖަމާކޮށްދިނުމަށް ބޭންކަށް ފޮނުވާފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން މިދިޔަ މަހުގެ 27 ވަނަ ދުވަހު ވަނީ ހުރިހާ ޕާޓީއަކަށްވެސް ފައިސާ ޖަމާކޮށްދީފައިވާކަން ކަށަވަރުކޮށްދީފައެވެ. ދޫކުރި ފައިސާގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް ލިބިފައިވަނީ ވެރިކަންކުރާ ޕީއެންސީއަށެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާ ލިބިފައިވަނީ އިދިކޮޅު އެމްޑީޕީއަށެވެ.

ޕާޓީތަކަށް ދޫކުރި ފައިސާގެ ތަފުސީލު

އެކި ޕާޓީތަކަށް ދޫކުރި ފައިސާގެ ޢަދަދު ތިރީގައި މިވަނީއެވެ:

• ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (PNC) - 13,316,689.57ރ
• ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (MDP) - 8,454,780.51ރ
• ޖުމްހޫރީ ޕާޓީ (JP) - 2,656,598.57ރ
• މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (MDA) - 1,769,648.69ރ
• ޢަދާލަތު ޕާޓީ (AP) - 1,713,538.65ރ

ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކުރާގޮތުން، ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާއަކީ، ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ %0.1 އަށްވާ ފައިސާއެވެ. މި ފަސް ޕާޓީއަށް ފައިސާ ދޫކޮށްފައިވަނީ އެ ޕާޓީތަކުގައި ތިބި މެންބަރުންގެ ނިސްބަތުން، ބޮލަކަށް 193.23 ރުފިޔާގެ މަގުންނެވެ. އީސީގެ ދަފްތަރު ދައްކާގޮތުން ޕީއެންސީގައި 68,665 މެންބަރުންނާއި، އެމްޑީޕީގައި 43,765 މެންބަރުން ހިމެނެއެވެ.

އީސީގެ ދަފްތަރުގައި ޖުމްލަ 9 ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރެވިފައިވާއިރު، ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަނުވާ ޕާޓީތަކުގެ ތެރެއިން އެމްޓީޑީ އުވާލުމުގެ މަސައްކަތް މިހާރު އީސީން ދަނީ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ