ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ - ފޮޓޯ: އެމްއެންޑީއެފް

"ޓެރަރިޒަމާ ހަރުކަށި ފިކުރަކީ އެއް ޤައުމަކުން އެކަނި ބަލި ކުރެވޭނެ ބާރެއް ނޫން"

ޓްރަރިޒަމާ ހަރުކަށި ފިކުރަކީ އެއް ޤައުމަކުން އެކަނި ކުރިމަތިލައިގެން ބަލި ކުރެވޭނެ ބާރެއް ނޫންކަމުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސިފައިންގެ މަޖައްލާ އައްޑަނަ އަށް ލިޔުއްވާފައިވާ ލިޔުމެއްގައި މާރިޔާ ވިދާޅުވެފައި ވަނީ ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލަކަށްވާއިރު، މިއީ އެއް ޤައުމަކުން އެކަނި ކުރިމަތިލައިގެން، ބަލިކުރެވޭނެ ބާރެއް ނޫންކަމަށެވެ. އެހެންކަމުން، ދޭދޭ ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމަކީ، ދުނިޔޭގެ ތާރީޚަށް ބެލިއަސް، ބައިނަލްއަޤްވާމީ މައްސަލަތައް ޙައްލުކުރަން އޮތް އެންމެ އެކަށޭނަ އެއް މަގުކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައި ވާއިރު، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމަށްޓަކައި ސައުދީ އަރަބިއްޔާއިން އުފައްދާފައިވާ "އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން" (އައި.އެމް.ސީ.ޓީ.ސީ)ގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި ޙަރަކާތްތެރިވުމަށްޓަކައި ދިވެހި ސިފައިންގެ 4 ބޭކަލުން ވަނީ އެޤައުމަށް ވަޑައިގެންފައެވެ.

މި 4 ބޭކަލުންނާ މިދިޔަ ހަފްތާގެ ތެރޭގައި، މިނިސްޓަރ މާރިޔާ ވަނީ ބައްދަލުކޮށް، ލިޔުން ޙަވާލުކޮށްފައެވެ. އަދި ޓީމުގެ މަސައްކަތުގައި ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވެފައި ވަނީ ކޮވިޑް-19 ޕެންޑެމިކުން އަރައިގަތުމަށް ދުނިޔޭގެ ޤައުމުތަކުން ގުޅިގެން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް، ދުނިޔޭގެ ފެންވަރުގައި، ޢަމަލީގޮތުން މަސައްކަތްކުރުމަށް، ދިވެހި ސިފައިން އަމިއްލަ ޤައުމު ދޫކޮށް، އެހެން ޤައުމެއްގައި ޙަރަކާތްތެރިވާން ދިޔުމަކީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ގެންގުޅުއްވާ "ޒީރޯ ޓޮލެރަންސް" ސިޔާސަތަށް ލިބުނު ކުރިއެރުމެއްކަމަށެވެ.

މިކަމަށްޓަކައި، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލަށާއި، ޖެނެރަލް އޮފިސަރުންނަށާއި، ހުރިހާ ރޭންކެއްގެ ސިފައިންނަށާއި ސިފައިންގެ އާއިލާތަކަށް، ރައީސް ޞާލިޙްގެ ނަންފުޅުގަޔާއި މިނިސްޓަރުގެ އަމިއްލަ ނަމުގައި، ޝުކުރާއެކީ ތަހުނިޔާ ކިޔާފައިވެއެވެ.

"މިޝުކުރުގައި، ސައުދީއަށް ވަޑައިގެންނެވި ހިތްވަރުގަދަ 4 ބޭކަލުންގެ އާއިލާގެ މެންބަރުން ޚާއްޞަގޮތެއްގައި ޝާމިލްކުރަން" މާރިޔާ ވިދާޅުވެފައިވެއެވެ.

މިނިސްޓަރ ވަނީ ބައިނަލްއަޤްވާމީގޮތުންނާއި ސަރަޙައްދީގޮތުން އަމާން، ރައްކާތެރި ވެށްޓެއް ޤާއިމްކުރުމަށްޓަކައި، ކުރަމުން ދާ މަސައްކަތުގައި، މާތްﷲ ބަރަކާތްލެއްވުން އެދި ދުޢާ ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ