ޔޫރޯ ކޮލިފިކޭޝަންގައި ރޭ ސްވިޑަންއާއި ބައްދަލުކުރި މެޗުން މޮޅުވެ، ކޮލިފިކޭޝަންގައި ސްޕެއިން ބަލިނުވެ ދަމަހައްޓަމުންއައި %100 ރެކޯޑު ދަމަހައްޓައިފިއެވެ.
ރޭ ކުޅެވުނު މެޗުގެ ފުރަތަމަ ހާފު ނިންމާލީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
ސްޕެއިންގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ ރޭގެ މެޗުގެ ސްޕެއިން ކާމިޔާބުކުރީ 3-0 ގެނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ލަނޑު 64 ވަނަ މިނަޓްގައި ސާޖިއޯ ރާމޯސް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުންނެވެ.
ރާމޯސް އެންމެ ފަހުން ސްޕެއިންއަށް ކުޅުނު 8 މެޗުން 7 ލަނޑު ކާމިޔާބުކޮށްދީފައިވާއިރު، ސްޕެއިން ޓީމަށް ޖުމްލަ 20 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.

މެޗުގައި ސްޕެއިންޖެހި ދެވަނަ ލަނޑަކީވެސް ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ. ސްވިޑަންގެ ފިލިޕް ހެލަންޑާ ކުރި ފައުލަކާއި ގުޅިގެން ލިބުނު މިޕެނަލްޓީ އަލްވާރޯ މޮރާޓާ ކާމިޔާބުކޮށްދިނީ މެޗުގެ 85 ވަނަ މިނަޓްގައެވެ.
އޭގެ ދެ މިނަޓް ފަހުން ރެއަލް ސޮސިޑޭޑްއަށް ކުޅެމުން އަންނަ މިކެލް އޮޔަޒަބަލް އިތުރު ލަނޑެއްޖަހައި ސްޕެއިންއަށް މެޗު ކަށަވަރުކޮށްދިނެވެ. ކާވަހާލްގެ ހުރަހަކުން ގޯލް ކުރިމަތީ ހުރެ އޮޔަޒަބަލް ޖެހި މިލަނޑަކީ ސީނިއާ ލެވެލްގައި ޤައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ލަނޑެވެ.

ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ސްޕެއިން ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ، ގްރޫޕް އެފް ގެ އެއްވަނާގައި އޮތީ 12 ޕޮއިންޓާއެކުގައެވެ. ދެވަނާގައި އޮތް ރޯމޭނިއާއަށް ލިބިފައިވަނީ 7 ޕޮއިންޓެވެ. ސްޕެއިން މިހާރު އޮތީ އަންނަ އަހަރުގެ ހޫނު މޫސުމުގައި ކުޅުމަށް ހަމަޖެހިފައިވާ ޔޯރޯ މުބާރާތަށް ކޮލިފައިވުމާ ވަރަށް ގާތުގައެވެ.
އަންނަ އަހަރުގެ ޖޫންމަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އެއް ޤައުމުގެ ބަދަލުގައި ބައިވަރު ޤައުމުތަކުގައެވެ. އެގޮތުން 12 ނުވަތަ 13 ސިޓީއެއްގައި މިމުބާރާތް ކުޅެވިގެންދާނެ ކަމުގެ މަޢުލޫމާތުވެސް އަންނަނީ ލިބެމުންނެވެ.




