މިއަހަރުގެ ފުރަތަމަ 21 ދުވަހު، ދިވެހިރާއްޖެއަށް 60 ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެންް 21 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށްވަނީ 60،581 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
އަހަރު ފެށުނީއްސުރެ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެގޮތުން މިއަހަރު މިހާތަނަށް ރަޝިއާގެ 13،880 ފަތުރުވެރިޔަކު ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، ދެވަނާގައި އޮތް އިންޑިއާއިން 10،623 ފަތުރުވެރިޔަކުވަނީ ޒިޔާރަތްކޮށްފައެވެ. އަދި ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ ޔޫކްރެއިންއިންނެވެ. އެގޮތުން ޔޫކުރެއިނުން 5،020 ފަތުރުވެރިންވަނީ މިދިޔަ 21 ދުވަހު ރާއްޖެ ޒިޔާރަތް ކޮށްފައެވެ.
އަހަރުގެ ފުރަތަމަ 21 ދުވަސްތެރޭ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށްވަނީ 4،195 ފަތުރުވެރިން އައިސްފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ބޯޑަރު ބަންދުކޮށްފައި ގިނަ ދުވަސް ތަކެއް އޮތުމަށްފަހު މިދިޔަ އަހަރުގެ ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު ރިޒޯޓްތަކާއި ޓުއަރިސްޓުންނަށް ޚިދުމައްދޭ އެހެނިހެން ތަންތަން ހުޅުވަމުން އައިސް މިހިނގާ ޖެނުއަރީ މަހުގެ 21 އާއި ހަމައަށް އައިސްފައިވާއިރު ރާއްޖޭގައި ރިޒޯޓްތަކާއި މެރީނާ ހިމެނޭގޮތަށް ރާއްޖޭގައި 142 ތަނެއް އޮޕަރޭޓް ކުރަމުން އެބަދެއެވެ. އަދި 11 ހޮޓަލާއި 134 ސަފާރީގެ އިތުރުން 307 ގެެސްޓްހައުސް މިހާރު ރާއްޖޭގައި ޓުއަރިސްޓުންނަށްޓަކައި އޮޕަރޭޓްކުރަމުންދާކަންވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން ރާއްޖޭގައި ޓުއަރިސްޓުންނަށްޓަކައި ޖުމްލަ 42،776 އެނދު މިހާރު އޮޕަރޭޓް ކުރަމުންދެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.




