އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އައްޑޫގައިވެސް މުޒާހަރާކޮށްފިއެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ރައީސް ޔާމީންގެ ސަޕޯޓަރުން އިޙުތިޖާޖުކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫގެ މަގުތަކުގައެވެ. ހިތަދޫގައި މިއަދު ހަވީރު ބޭއްވި މި ހިނގާލުމުގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި ޕީޕީއެމްގެ ހިތަދޫ ސްޓިއަރިން ކޮމިޓީގެ އިސް ފަރާތްތަކާއި ޔާމީނަށް ތާއީދު ކުރާ އެކި އުމުރުފުރާގެ މީހުންވަނީ ބައިވެރިފައެވެ. އަދި މުޒާހަރާގެ ބައިވެރިންވަނީ ޔާމީން ވަގުތު ދޫކޮށްލުމަށާއި އެމަނިކުފާނަށް އަނިޔާކުރުން ހުއްޓާލުމަށް ގޮވާލާފައެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އައްޑޫގައި މިއަދު އިޙުތިޖާޖުކޮށްފައިވާއިރު، ރައީސް ޔާމީން މިނިވަން ނުވުމުން އިދިކޮޅު ކޯލިޝަންގެ އިސްވެރިންނާއި ސަޕޯޓަރުންވެސް ވަނީ ރޭ މާލެ މަގުތަކަށް ނިކުމެ މުޒާހަރާ ކޮށްފައެވެ.
ރައީސް ޔާމީނުގެ ސަޕޯޓަރުން މަގުމައްޗަށް ނުކުމެފައިވަނީ މަނީލޯންޑާ ކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ދެމެހެއްޓުމަށް ހައިކޯޓުން ނިންމުމާއި ގުޅިގެންނެވެ.
މަނީ ލޯންޑަރިން ކުރި ކަމަށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 29، 2019 ގައެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދު ކުރައްވާފައެވެ.