ހދ. ނެއްލައިދޫއިން ފަސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެރަށުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ ހޯމް ކަރަންޓީންގައި ތިބި ފަސް މީހުންނެވެ. އެމީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އެނގިފައި ވަނީ ކަރަންޓީންގެ މުއްދަތު ހަމަވުމަށްފަހު ދޫކޮށްލުމުގެ ކުރިން ކޮވިޑަށް ޓެސްޓްކުރުމުންނެވެ.
ނެއްލައިދޫ ކައުންސިލްގެ ރައީސް އިބްރާޙިމް ނާޡިމް މި ނޫހަށް މަޢުލޫމާތު ދެއްވި ގޮތުގައި އެ ރަށުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ 4 ދުވެހިންނާއި 1 ބިދޭސީއެކެވެ.
މި އެންމެންނަކީވެސް އެއްގެއެއްގައި ކަރަންޓީންގައި ތިބި މީހުންނެވެ. އެމީހުން ޕޮޒިޓިވް ވެފައި ވަނީ ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް އައިސް ކަރަންޓީންގައި ތިއްބައެވެ.
ކޮވިޑަށް ޕޮޒިޓިވް ވެފައިވަ ބިދޭސީ މީހާއަކީ ބޭސްފަރުވާއަށް އިންޑިއާއަށް ދިޔަ މީހާގެ އާއިލާމީހެއް އިނދެގެން އުޅޭ އިންޑިއާ މީހެކެވެ.
ނެއްލައިދޫ ކައުންސިލްގެ ރައީސް މި ނޫހަށް ވިދާޅުވިގޮތުގައި އެމީހުން ޕޮޒިޓިވް ވުމާއި ގުޅިގެން ކަރަންޓީންގައި ހުރި ދުވަސްތަކުގައި އެމީހުންނާ ކޮންޓެކްޓް ވެފައިވާ މީހެއް ވޭތޯ ބެލުމުގެ މަސައްކަތް މިރޭ ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ނެއްލައިދޫން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވި ފުރަތަމަ ފަހަރެވެ.



