ޖެޓްސްކީ އެއްގައި ފުރި 2 ދިވެހިން ގެއްލިގެން ހޯދަނީ!

ފުށިފަރު ރިސޯޓުން ޖެޓްސްކީ އެއްގައި ފުރި 2 ދިވެހިން ގެއްލިގެން ހޯދުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ޖެޓްސްކީގައި ދަތުރުކޮއްފައިވަނީ އަންހެނަކާއި ފިރިހެނެއް ކަމަށާއި، މި ދެމީހުންނަކީވެސް އެރިސޯޓްގެ މުވައްޒަފުން ކަމަށެވެ.

މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ މިރޭ 19:04 ހާއިރު ކަމަށާއި، އެމީހުން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑްގެ ޑައިވަރުން ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ދެމީހުން ޖެޓްސްކީ ދުއްވާލަން ނިކުމެފައިވަނީ މަޖަލަކަށް ކަމަށާއި، އެ މީހުން ދިޔައީ ލައިފް ޖެކެޓް އެއްޗެހިވެސް އަޅައިގެން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ގެއްލިގެން ހޯދަމުންދަނީ އުމުރުން 24 އަހަރުގެ ފިރެހެނަކާއި އުމުރުން 29 އަހަރުގެ އަންހެނެއް ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އަދި ގެއްލިގެން ހޯދާ ދެމީހުންގެ ތެރެއިން އަންހެންމީހާ ފޯނު ގެންދިޔަކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، އެހެން ނަމަވެސް ފޯނާއި ގުޅުމުން ރިންގްވި ނަމަވެސް ފޯނަށް ޖަވާބެއް ނުދޭ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ގެއްލިގެން ހޯދަމުންދިޔަ 2 މީހުނާއި ޖެޓްސްކީ މިރޭ 20:42 ހާއިރު ޅ.އަތޮޅުގައި އޮންނަ ކުރެއްދޫ އައިލެންޑް ރިސޯޓްކައިރިން ފެނިފައިވާ ކަމަށާއި، މިދެމީހުން ފެނިފައިވަނީ ކުރެއްދޫ ރިސޯޓްގެ ލޯންޗަކަށް ކަމަށެވެ.

މި ދެމީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި، ޖެޓްސްކީ ފެނިފައިވަނީ އިންޖީނު ހުއްޓި އޮޔާ ދަނިކޮށް ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ