މިދިޔަ އަހަރަކީ އެމްޓީސީސީގެ 40 އަހަރުގެ ތާރީޙުގައިވެސް އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރުކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އެމްޓީސީސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިދިޔަ އަހަރު އެމްޓީސީސީއަށް 203.11 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށެވެ. އަދި މިއީ 2019 ވަނަ އަހަރާއި އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއްކަންވެސް އާޒިމް ފާހަގަކުރެއްވިއެވެ.
އާޒިމް ވަނީ އެމްޓީސީސީން ހޯދި ކާމިޔާބީއަށް އެކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ. ކުންފުންޏަށް މާލީގޮތުން ބޮޑު ފައިދާއެއް ވެފައިވާއިރު، މި ނިމުނު އަހަރަކީ އެމްޓީސީސީގެ ތާރީޙުގައިވެސް އެއް އަހަރު ދުވަސްތެރޭ އެންމެ ގިނަ މަޝްރޫޢުތައް ނިންމާލެވުނު އަހަރުކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އާާޒިމް ވިދާޅުވީ ނިމުނު އަހަރު އެކުންފުނިން 34 މަޝްރޫޢެއްގެ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ.
"މީގެތެރޭގައި ހިމެނޭ އޭގެކުރިން އަހަރު ފަށާފައިވާ ޕްރޮޖެކްޓްސްތަކާއި އެ އަހަރުތެރޭ ފަށާފައިވާ ޕްރޮޖެކްޓްސްތައް، އެމްޓީސީސީއަކީ ކުރިއަށްދާ ކުންފުންޏަކަށްވާއިރު ޕްރޮޖެކްޓްސްތައް ހިނގަމުންދާނެ، ނިމެމުންދާނެ، އަދި ފެށިގެންވެސްދާނެ" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ލިބެނީ ކޮންސްޓްރަކްޝަންގެ މަސައްކަތްތަކުންކަމަށެވެ. އެގޮތުން އެދާއިރާއިން ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން އާޒިމް ފާހަގަކުރެއްވިއެވެ.
"އެއްފަހަރާ ގާތްގަނޑަކަށް 40 ރަށުގައި މަސައްކަތްތައް އެބަކުރެވޭ، އެގޮތުން އެއްފަހަރާއި 3 އެއަރޕޯޓުގައި މަސައްކަތްކުރުމުގެ ޤާބިލްކަން އެބަހުރި، އެއްފަހަރާއި 3 ރަށެއްގައި މަގު ހެދުމުގެ ޤާބިލްކަން އެބަހުރި، އެއްފަހަރާއި 3 ރަށެއްގައި ބިން ހިއްކުމުގެ މަސައްކަތްކުރުމުގެ ޤާބިލްކަން އެބަހުރި،" އާޒިމް ވިދާޅުވިއެވެ.
#Highlights of the press conference to brief 2020, 4th quarter financial performance. The year 2020 marks the best financial performance in our 40 yr long history. pic.twitter.com/3FbqBgfQnO
— MTCC Plc (@MTCCPlc) January 23, 2021
އާޒިމް ވިދާޅުވީ ކުންފުނީގެ ފައިދާ އިތުރުވެފައިވާއިރު، އެމްޓީސީސީގެ އެސެޓް ބޭސްވެސް މިހާރު އިތުރުވެފައިވާކަމަށެވެ. އެގޮތުން އަހަރު ފެށިއިރު އެކުންފުނީގެ އެސެޓް ބޭސްއަކީ 2.2 ބިލިއަން ރުފިޔާ ކަމަށެވެ. އަދި މިހާރު އެސެޓް ބޭސް 2.4 ބިލިއަން ރުފިޔާއަށް އަރާފައިވާކަން އާޒިމް ފާހަގަކުރެއްވިއެވެ. އަދި މިއާއެކު އެ ކުންފުނީގެ ހިއްސާދާރުންނަށް ރަނގަޅު އާމްދަނީއެއް ދިނުމަށް އެކުންފުނީގެ ބޯޑަށް ހުށަހަޅާނެކަމަށްވެސް އާޒިމް ވިދާޅުވިއެވެ.