ޤާނޫނުތަކުން ލިބިދޭ ހައްޤަކަށް ހުރަސްއެޅިކަމުގެ މައްސަލަ އުފުލާނެކަމުގެ އިންޒާރު އިދިކޮޅުން ދީފި

މިއަދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލެގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ޤާނޫނު އަސާސީން އަދި ޤާނޫނުތަކުން ލިބިދޭ އަސާސީ ޙައްޤަކަށް ހުރަސްއެޅިކަމާއި ނަހަމަގޮތުގައި ބާރުގެ ބޭނުންކުރިކަމުގެ މައްސަލަ އުފުލާނެކަމުގެ އިންޒާރުވެސް އެ ޕާޓީން ދީފިއެވެ.

އިދިކޮޅުން ވިދާޅުވީ، އީ.ސީ. ގެ އިދާރާ އަކީ ގްރީން ޒޯނެއް ނޫންކަމާއި، އެއްވެ ތިބި މެންބަރުން އަޑު އުފުލަމުންދިޔައީ ސުލްހަވެރިކަމާއެކު ކަންމަށެވެ.

"ޤާނޫނު އަސާސީން އަދި ޤާނޫނުތަކުން ލިބިދޭ އަސާސީ ޙައްޤަކަށް ހުރަސްއެޅިކަމާއި ތުގައި ބާރުގެ ބޭނުންކުރިކަމުގެ މައްސަލަ އުފުލާނެކަމުގެ އިންޒާރުވެސް ޕީ.ޕީ.އެމް-ޕީ.އެން.ސީ އިން ވަނީ ދީފައެވެ." އިދިކޮޅުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، މި ނޫސްބަޔާނުގައި "ކޮވިޑްގެ ނިވާފަތުގައި ތިބެގެން ސަރުކާރުން ސަރުކާރު ހިންގާ އެމް.ޑީ.ޕީ އާމެދު ރައްޔިތުންގެ ހިތްތަކުގައި އުތުރެމުންދާ ރުޅިވެރިކަމާއި ފޫހިކަމުގެ ޝުޢޫރުތަކަށް ފިނިކަމެއް ގެންނަން، ވަގުތު ހޯދުމަށްޓަކައި، ޑެމޮކްރަސީގެ އުޞޫލުތަކާ ޚިލާފަށް އިންތިޚާބު ލަސްކުރަމުންދިއުމަކީ ސަރުކާރުގެ ނުކުޅެދުންތެރިކަމާއި، ޑެމޮކްރަސީއަށް ބީރައްޓެހިކަން ސާބިތު ދަލީލުތަކެއް" ކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ޕީޕީއެމް އަދި ޕީއެންސީ އިން މިއަދު ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން  ކޯލިޝަން ވަގުތީގޮތުން ހިންގެވުމާ ޙަވާލުވެ ހުންނެވި ޕީ.އެން.ސީ ގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ، ޕީ.އެން.ސީ ގެ ނާއިބު ރައީސް އިބްރާހީމް ސުޖާޢު، ކައުންސިލްގެ މެންބަރުން އަދި ޕާޓީގެ ސަޕޯޓަރުންގެ ތެރެއިން 24 މެންބަރުން ހައްޔަރުކޮށްފައިވާކަމަށް އިދިކޮޅުން ބުނެފައިވެއެވެ.

އިދިކޮޅު ކޯލިޝަނުގެ އިސް ލީޑަރުން ހިމެނޭހެން ޕާޓީގެ ސަޕޯޓަރުން ހައްޔަރުކުރުމުން އިދިކޮޅުން އެކަން ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެބޭފުޅުން ވަގުތުން މިނިވަންކުރުމަށް ރައީސް ޞާލިޙާއި ސީޕީ ޙަމީދު އަދި މޯލްޑިވްސް ޕޮލިސް ސާރވިސަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ