ބޮލީވުޑްގައި ވިދުމަށްފަހު މިހާރު ހޮލީވުޑްގައިވެސް ފިޔަޖަހަމުން އަންނަ އެކްޓްރެސް ޕްރިޔަންކާ ޗޯޕުރާ އަކީ ބޮލީވުޑްގައި އުޅުނު އެހެން ތަރިންނެކޭ އެއްފަދައިން އެ ދުވަސްވަރު ހަންގަނޑު އަލިކުރާ ކްރީމްތައް އިޝްތިހާރު ކުރި ތަރިއެކެވެ. ނަމަވެސް، މިއަދާ ހަމައަށްވެސް އެކަމާ ހިތާމަ ކުރާ ކަމަށް ނުވަތަ ރިގްރެޓް ކުރާކަމަށް ޕްރިޔަންކާ ވަނީ ހާމަކޮށްފައެވެ.
ޕްރިޔަންކާ އަކީ އުފަންވިއިރު ހަމުގެ ކުލަ އަލި ނޫން ބަތަލާއެއް ކަމުން ވަރަށް ގިނަ ފަރާތްތަކެއްގެ ފާޑުކިޔުން އަމާޒުވިކަމަށް އޭނާ މީގެ ކުރިންވެސް ވަނި ހާމަކޮށްފައެވެ. އަދި އެކަމުގެ ސަބަބުން ކުޑައިރު ހަންގަނޑު އަލިކުރުމަށް މަސައްތކަތް ކުރީ، ކަޅު މީހުންނަކީ ރީތި މީހުން ނޫންކަމަށް ހީކުރެވުމުން ކަމަށް ޕްރިޔަންކާ ބުނެފައިވެއެވެ.
ނަމަވެސް ފަހުން ދޮންވާ ކްރީމްތަކުގެ އިޝްތިހާރުތައް ކުޅެވުމުން އެކަމާއި ވަރަށް ދެރަވި ކަމަށް ޕްރިޔަންކާ ބުންޏެވެ. އަދި އެއީ އެފަދަ އިޝްތިހާރުތަކުން ދައްކައިދެނީ އަންހެންކުދިންގެ އަމިއްލަ ނަފްސަށް އެއްވެސް އިތުބާރެއް ނެތްކަން ކަމަށް ވާތީކަމަށް ޕްރިޔަންކާ ބުންޏެވެ.
ދޮންވާ ކްރީމްތައް އިޝްތިހާރުކުރެވުމުން އެކަމާ ދެރަވާކަމަށް ބުނެ ޕްރިޔަންކާ ވަނީ މީގެ ކުރިން އެތައް ފަހަރަކު ވާހަކަދައްކާފައެވެ.
ޕްރިޔަންކާ އެންމެ ފަހުން ފެނިގެންދިޔައީ ނެޓްފްލިކްސްގެ ފިލްމް "ދަ ވައިޓް ޓައިގާ" އިންނެވެ. އަދި މިވަގުތު އޭނާ އިނީ ކުރިއަށް އޮތް ފިލްމް "ޓެކްސްޓް ފޯ ޔޫ" ގެ ޝޫޓިންއަށް ގޮސް ލަންޑަންގައެވެ. މީގެ އިތުރުން "ދަ މެޓްރިކްސް ގެ ހަތަރު ވަނަ ބައިންވެސް އޭނާ ފެނިގެންދާނެއެވެ.



