ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑި ކުޑަކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ މިރެއިން އިން ފެށިގެން ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 4:30 އިން ރޭގަނޑު 11:30 އަށް ކަމަށެވެ.
މި މަހުގެ 24 ގައި އިކޮނޮމިކް މިނިސްޓްރީން ވަނީ، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ފަތިހު 4:30 އިން މެންދަމު 1:00 އަށް ހުޅުވާފައި ބެހެއްޓޭނެ ގޮތަށް ހަމަޖައްސާ ބަދަލުގެނެސްފައެވެ.
ނަމަވެސް ނަމަވެސް ކޮވިޑް19 ގެ ކޭސްތައް އިތުރުވުމާއި ގުޅިގެން ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ދާދިފަހަކުން ވަނީ ބަދަލުގެެނެސްފައެވެ.
މިއަދުން ފެށިގެން މާލެ ސަރަހައްދުގައި އަނެއްކާވެސް ކާފިއު ހިންގަން ވަނީ ނިންމައިފައެވެ. އެގޮތުން ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 04:00 އަށް، މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެއެވެ.
މާލެ ސަރަހައްދުންނާއި ރިސޯޓުތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވެފައިވާއިރު، މި އަހަރު ފެށުނު ފަހުން ރާއްޖެއިން ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އާންމުކޮށް 50 މަތީގައެވެ.



