ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ދައުވަތު އެރުވުނު ބޭފުޅުންގެ އަދަދު މަދުކުރަން ޖެހިއްޖެއެވެ.
ރައްޔިތުން މަޖިލީހުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މި މަހުގެ 27 ގައިހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ކޮވިޑްގެ ފިޔަވަޅުތައް އަޅަން އެންގި އިއުލާނާއި ގުޅިގެން، ދައުވަތު އެރުވުނު ބޭފުޅުންގެ އަދަދު މަދުކުރަން ޖެހުނީ ކަމަށެވެ.
އެހެންކަމުން މިހާރު މި ޖަލްސާއަށް ދައުވަތު އެރުވިފައިވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށާއި، ރާއްޖޭގައި ތިއްބަވާ ބޭރު ދައުލަތްތަކުގެ ސަފީރުން ހައިކޮމިޝަނަރުންނަށް ކަމަށް މަޖިލީހުން ވިދާޅުވިއެވެ.
މަޖިލީހުން އިތުރަށް ވިދާޅުވީ، މި ބޭފުޅުން ފިޔަވައި ކުރިން ދައުވަތު އެރުވުނު އެހެން ބޭފުޅުންނަށް އެރުވިފައިވާ ދައުވަތު މިހާރު ކެންސަލްކުރެވިފައިވާކަމަށެވެ.



