ޝަރީޢަތް ނިމެންދެން ފާރިސް ބަންދުކުރީ ޤާނޫނާއި ޚިލާފަށް: ހައި ކޯޓު

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިސް މައުމޫން ހައްޔަރުކޮށް ބަންދުގައި ބެހެއްޓީ ޤާނޫނާއި ޚިލާފަށްކަމަށް ހައިކޯޓުން ޙުކުމްކޮށްފިއެވެ.

މީގެ ތިން އަހަރުކުރިން ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ފާރިސް މައުމޫން 6 މަސްދުވަސް ވަންދެން ބަންދުގައި ބެހެއްޓީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތުގައެވެ. އެގޮތުން ހަމަސް ދުވަސްވަންދެން ފާރިސް ޖަލުގައި ބެހެއްޓުމަށްފަހު ފާރިސް ދޫކޮށްލީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 30 ވަނަ ދުވަހުއެވެ.

އެމައްސަލަ ފާރިސްގެ ފަރާތުން ހައިކޯޓްގައި އިސްތިއުނާފްކުރިތާ ތިން އަހަރު ފަހުން ހައިކޯޓުން ކުރި ޙުކުމުގައި ވަނީ ފާރިސް ބަންދުކޮށްފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށެވެ. އެގޮތުން ދޫނިދޫ ޖަލަށް ފާރިސް ގެންދިއުމަކީ ޖިނާޢީ އިޖްރާޢަތުގެ ޤާނުނާއި ޚިލާފަށް ކޮށްފައިވާކަމެއްކަމަށާއި، އޭނާ ރިމާންޑް ޖަލުގައި ބަހައްޓަން އަމުރުކުރީވެސް މައްސަލާގެ ތަހުގީގު ނުނިމެނީސްކަމަށެވެ. އެއީ ޖަލުތަކާއި ޕެރޯލްގެ ޤާނޫޏާއި ޚިލާފަށް ކުރިކަމެއްކަމަށް ހައިކޯޓުގެ ޙުކުމުގައިވެއެވެ.

އަދި ފާރިސްގެ ޝަރީޢަތްތައް ކޯޓުގައި ސިއްރުކޮށްގެން ކުރިއަށް ގެންދިޔައީވެސް ޤާނޫނާއި ޚިލާފަށްކަމަށާއި، އެކަން ކުރީ ދައުލަތުން އެދިގެންކަމަށް ބުނެފައިވާއިރު، އެކަން އެނގޭނެ ލިޔެކިއުންތަކެއް ނެތްކަމަށްވެސް ހައިކޯޓުގެ ޙުކުމުގައިވެއެވެ. އެހެންކަމުން ފާރިސް ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ބާތިލު އަމުރެއް ކަމަަށް ހައިކޯޓުގެ ނިންމުމުގައިވެއެވެ.

މިމައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު އަބްދުއްރައޫފު އިބްރާހިމް އާއި، ފަނޑިޔާރު ހަސަން ޝަފީއު އާއި، ފަނޑިޔާރު މުހައްމަދު ފައިސަލްއެވެ. ފާރިސްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، ފާރިސް ބޭނުންވާ ގޮތަކަށް އެ ވޯޓުގެ ނަތީޖާ ބަދަލުކޮށްލުމަށް މަޖިލިސް މެމްބަރަކަށް ރިޝްވަތު ދީފައިވާ ކަމަށް ތުހުމަތުކޮށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ