ކުރީގެ ރައީސް މަޢުމޫން ޢަބްދުއްޤައްޔޫމަށް، ކަށިދޫދައިރާގެ މެންބަރު އަދި ޑީއާރުޕީގެ މިހާރުގެ ލީޑަރ ޢަބްދުﷲ ޖާބިރު ދެއްވި ފައިސާއަށް މަޢުމޫންގެ ދަރިކަލުން ފާރިޝް މަޢުމޫން ޚިޔާނާތްތެރިވިކަމަށް ބުނެ އެ މައްސަލަ ފުލުސް އޮފީހަށް އުށައަޅައިފިއެވެ.
މި މައްސަލަ ބަލައިދިނުމަށް އެދި ޖާބިރުގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ސޮއިކުރައްވައި ފުލުހުންނަށް ފޮނުވާފައިވާ ސިޓީ ޑީއާރުޕީ އިން ވަނީ އާންމުކޮށްފައެވެ.
މި ސިޓީގައި ބުނެފައި ވަނީ ޖާބިރުގެ އަތްޕުޅުން ރައީސް މަޢުމޫން ގެންދެވިކަމަށް ޖާބިރު ވިދާޅުވާ 29 މިލިއަން ރުފިޔާގެ ތެރެއިން 24 މިލިއަން ރުފިޔާއަށް މަޢުމޫނާއި ހަވާލުކުރުމަށް ޖާބިރުގެ ފަރާތްޕުޅުން އައްޔަން ކުރެއްވީ ދިޔާނާކަމަށެވެ.
އެފައިސާ ރައީސް މަޢުމޫން ވިދާޅުވިގޮތުގެ މަތިން ރައީސް މަޢުމޫންގެ ދަރިކަލުން ފާރިޝް މަޢުމޫނާ ހަވާލު ކުރިކަމަށް ދިޔާނާ އެ ސިޓީގައި ވަނީ ވިދާޅުވެފައެވެ.
ދިޔާނާ ވިދާޅުވެފައި ވަނީ ނަމަވެސް އެ ފައިސާ ލިބިވަޑައިގެންފައި ނުވާކަމަށް ރައީސް މަޢުމޫން އާންމު ފޯރަމްތަކުގައި ވިދާޅުވަމުން ގެންދަވާކަމަށާއި، އެހެން ކަމުން ފާރިޝް މަޢޫމޫން އައި ހަވާލުކުރި އެ ފައިސާ ބައްޕާފުޅަށް ލިބިވަޑައިނުގަންނަވާނަމަ، އެކަން ވާނީ އެފައިސާއަސް ފާރިޝް މަޢުމޫން ވީ ޚިޔާނާތަކަށް ކަމަށެވެ.
އެހެންކަމުން ދިޔާދާ އެދިލައްވާފައި ވަނީ މި ޚިޔާނާތުގެ މައްސަލަ ބަލައި، އެ ފައިސާއަށް ފާރިޝް މަޢުމޫން ހެއްދެވި ގޮތެއް ބަލައި ބައްލަވައި ދެއްވުމަށެވެ.
2017 ވަނަ އަހަރުގެ ކުރީކޮޅު މެލޭޝިއާގެ ކުއާލަންޕޫރުގެ އިންޓަރމާކް ބިލްޑިންގގައި ރައީސް މައުމޫން އާއި ޖާބިރު ބައްދަލުކުރައްވާ ދެ ބޭފުޅުން އެއްބަސްވެ ވަޑައިގަތް ގޮތުގެ މަތީން، ޖާބިރުގެ ފަރާތުން ކަންކަންކުރުމަށް އެކަމަނާ އައްޔަންކުރުމުން އަމާނާތްތެރިކަމާއިއެކު އެ ފައިސާ ފާރިސް މެދުވެރިކޮށް ރައީސް މައުމޫން އާއި އެކިފަހަރު މަތިން ހަވާލުކުރެއްވި ކަމަށް ދިޔާނާ މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ޖާބިރުވެސް ދަނީ އެ ފައިސާ މަޢުމޫން ނެންގެވިކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
މި މައްސަލާގައި ދިޔާނާ މީގެ ކުރިން ވަނީ ރައީސް މަޢުމޫނަށްވެސް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.



