މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅުމަށް ޓައިވާނުން ކުރާ މަސައްކަތުގެ މާނައަކީ ހަނގުރާމަ ކަމަށް ޗައިނާއިން ބުނެފިއެވެ.
ޗައިނާއިން ޓައިވާނުގެ މިނިވަންކަމާއި ގުޅޭގޮތުން މިފަދަ އިންޒާރެއް ދީފައި މިވަނީ ޓައިވާނުގެ ސަރަހައްދުގައި ޗައިނާގެ އަސްކަރީ ހަރަކާތްތައް އިތުރު ކުރުމަށްފަހުއެވެ. މިގޮތުން ޗައިނާއިންވަނީ ޓައިވާނުގެ ސަރަހައްދަށް މިފަހުން ހަނގުރާމަމަތީ މަތިންދާބޯޓުތައްވެސް ފޮނުވައިފައެވެ.
ޓައިވާނުން ގަބޫލުކުރާ ގޮތުގައި އެގައުމަކީ ޗައިނާ އާއި އެއްވެސް ގުޅުމެއް ނެތް އަމިއްލަ މުސްތަގިއްލު ދައުލަތެކެވެ. ނަމަވެސް ޗައިނާއިން ބުނަނީ ޓައިވާނަކީ ޗައިނާއިން ވަކިވެފައިވާ އެގައުމުގެ ޕްރޮވިންސެއްގެ ގޮތުގައެވެ.
ޗައިނާ އާއި ޓައިވާނު މައްސަލައިގައި އެމެރިކާއިން އައްނަނީ ޓައިވާނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދީ ޓައިވާނުގެ މިނިވަން ކަމަށް ތާއީދު ކުރަމުންނެވެ.
އެމެރިކާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓައިވާނުގެ އަސްކަރީ ގާބިލުކަން އިތުރު ކުރުމަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި އެމެރިކާއިން ދެމިއޮންނާނެ ކަމަށެވެ.




