މާލޭ ޖަލުގައި ކުށްވެރިން ބަންދުކުރުމުގައި އިސްލާހުކުރަން ސަރުކާރަށް ހުށަހެޅި ކަންކަން އިސްލާހުކޮށްފައި ނުވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވިދާޅުވެއްޖެއެވެ.
އެޗްއާރުސީއެމް އިން މިހެން ވިދާޅުވީ، މާލޭ ޖަލަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް އިން ކުރި ފޮލޯ-އަޕް ޒިޔާރަތަށްފަހު ނެރުނު ނޫސްބަޔާނެއްގައެވެ.
އެޗްއާރުސީއެމް އިން ވިދާޅުވީ، ރިމާންޑް ޖަލެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ މާލޭ ޖަލު އެނެކްސް 1 ގައި އެއްވެސް ގައިދީއަކު އަދި ބަންދު މީހަކު ބަންދު ނުކުރުމަށާއި، އެތަނުގައި ތިބި ގައިދީންނާއި ބަންދު މީހުން އެއަށްވުރެ ރައްކާތެރި އެެހެން މާޙައުލަކަށް ބަދަލުކުރުމަށް ކުރިން އަންގާފައިވާނެ ކަމަށެވެ.
ނަމަވެސް އެނެކްސް ބަންދުކޮށް އެވަގުތު އެތަނުގައި ތިބި ގައިދީންނާއި ބަންދު މީހުން ޖަލުގެ އެހެނިހެން ޔުނިޓްތަަކަށް ބަދަލުކުރިނަމަވެސް، އެނެކްސް ބައިގައި ހުރި ގޮޅިތައް އެއްވެސް މަރާމާތެއް ކުރުމެއްނެތި އެހެނިހެން ކަންކަމުގައި މީހުން ބަންދުކުރުމަށް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެޗްއާރުސީއެމް އިން ވިދާޅުވިއެވެ.
އެޗްއާރުސީއެމް އިން ފާހަގަކުރާ އެހެނިހެން މައްސަލަތައް:
- ޖަލުގެ ޖާގައަށްވުރެ ގިނައިން ޖަލުގައި މީހުން ބަންދުކޮށްފައި ތިބުން.
- ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނާއި، ކުށުގެ ތުހުމަތަށް ބަންދުކުރާ މީހުން ވަކިން ބޭތިއްބުމަށާއި، އެމީހަކު ކުރާ ކުށެއްގެ ކުޑަބޮޑު މިނަށާއި، ކުށުގެ ބާވަތަށް ބަލައި ގޮޅިތަކަށް މީހުން ލުމަށް ހުށަހަޅާފައިވީނަމަވެސް އެގޮތަށް ޢަމަލު ނުކުރުން.
- އެނެކްސް ބަންދުކުރުމަށްފަހު އެބައިގައި ބައިތިއްބާފައިތިބި އުމުރުން ދުވަސްވީ މީހުން ޖަލުގެ މެޑިކަލް ވޯޑުގައި ބައިތިއްބާފައި ތިބުން.
- ޚާއްޞަ ބަލިތަކުގެ މީހުންނަށް ގައިދީން ދެއްކުމަށް ގިނަ ދުވަސްތަކެއް ހޭދަވުން.
- ޖަލުގައި ޞިއްޙީ މައްސަލަތައް ހުރި މީހުން ގިނަކަން.
- ޝަރީޢަތުގެ މަރުޚަލާގައި 7 އަހަރުވެފައިވާ މީހުންނާއި، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިތިބި ގިނަ އަދަދެއްގެ މީހުންނާއި ޝަރީއަތް ކުރިއަށްނުދާ ގިނަ ބަޔަކު ބަންދުގައި ތިބުން.
- ޖަލު ބަންދުގައިތިބި ބިދޭސީންގެ ޤައުމުތަކުގައި ނުރައްކާތެރި ހާދިސާތަކާއި ކުއްލި ޚާލަތްތަކުގައި އާއިލާގެ ހާލު ބެލޭނެ އިންތިޒާމް ނެތުން.
- މުވައްޒަފުން މަދުވުމުގެ ސަބަބުން ގައިދީން ހިނގާ، ކަސްރަތުކުރުމަށް ޔާޑަށް ނުނެރުން.
- ކެއުންބުއިމަށްދޭ ތަކެތީގެ ފެންވަރު ދަށްކަން.
އެޗްއާރުސީއެމް އިން އިތުރަށް ވިދާޅުވީ، 2011،2014 އަދި 2017 ވަނަ އަހަރު މާލޭ ޖަލަށް ކޮށްފައިވާ ޒިޔާރަތްތަކުގެ ރިޕޯޓްތަކުިގައި ފާހަގަކޮށް އިސްލާހުކުރުމަށް ހުށަހަޅާފައިވާ ގިނަ ކަންތައްތައް މި ޒިޔާރަތާ ހަމައަށްވެސް އިސްލާޙްކޮށްފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެޗްއާރުސީއެމް އިން މިދިޔަ އެޕްރީލް މަހުގެ 24 އަދި 25 ވަނަ ދުވަހު މާޅޭ ޖަލަށް ޒިޔާރަތްކޮށްފައިވާއިރު، އެ ޒިޔާރަތުގެ މައްޗަށް ތައްޔާރުކުރި "އަވަސް ކަރުދާސް" 2019 ޖޫން 3 ވަނަ ދުވަހު ވަނީ މާލޭ ޖަލަށާއި، ކަރެކްޝަނަލް ސަރވިސް އަށް ހުށަހަޅާފައެވެ.




