ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރެއްގެ، މެންބަރުކަމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު، ހުޅުވައިލުމުން އެކަމަށް އެދިލެއްވި ފަރާތްތަކަށް، ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައިނުވާތީ، އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ކުރެއްވި އިޢުލާންގައި ބުނެފައިވަނީ އެޗްއާރްސީއެމް ގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި ކުށުގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2020 ސެޕްޓެންބަރު 21، 22 އަދި 23 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު ގެ 6 ވަނަ މާއްދާގައި ބުނާގޮތުން އެ ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރާ މީހުންނަކީ މުސްލިމަކު ކަމުގައިވެ، ދިވެހި ރައްޔިތަކު ކަމުގައިވެ، އުމުރުން 25 އަހަރު ވެފައިވާ މީހަކަށް ވާން ޖެހެއެވެ.
އަދި އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ކުރިކަން، ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ ނުވަތަ ޢައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުމުގެ އިތުރުން ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމަކީ މެންބަރުން ކިބައިގައި ހުންނަން ޖެހޭ ޝަރުތެވެ،.
މީގެ އިތުރުންވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ވެގެން ނުވާނެ އެވެ.




