ފޮޓޯ: އެމްއެންޑީއެފް

ސިފައިންނަށް ފްރަންޓްލައިން އެލަވަންސް ފައިސާ ހަމަޖެހިއްޖެ

ކޯވިޑް-19 އާ ދެކޮޅަށް "ފްރަންޓްލައިނަރސް"ގެ ގޮތުގައި މަސައްކަތްކުރާ ސިފައިންނަށް އެލަވަންސް ފައިސާ ހަމަޖެހިއްޖެއެވެ.

ސިފައިންގެ ހަފްތާ މަޖައްލާ "އައްޑަނަ" އަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ވިދާޅުވީ، އީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މިހާރު ވަނީ، ކޯވިޑް-19 އާ ދެކޮޅަށް "ފްރަންޓްލައިނަރސް"ގެ ގޮތުގައި މަސައްކަތްކުރާ ސިފައިންނަށް އެލަވަންސް ފައިސާ ހަމަޖައްސަވައިދެއްވާ ކަމަށެވެ. އަދި މިފައިސާއާ ބެހޭ ކަންކަމާމެދު ގޮތެއް ނިންމުމަށް، އޮންނަ އުޞޫލުގެ ތެރެއިން، ސިފައިންގެ ލަފާދޭ މަޖިލީހަށް ހުށަހެޅުމުން، އެމަޖިލީހުންވަނީ، އެކަމަށް ޚާއްޞަ ކޮމިޓީއެއް އެކުލަވާލައްވާފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، ވައިސް ޗީފް އޮފް ޑިފެންސް ފޯރސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ކޮމަޑާންޓް ސަރވިސް ކޯރ ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤް، ކޮމާންޑަރ ނޮދަން އޭރިއާ ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފް، ކޮމާންޑަރ ސަދަން އޭރިޔާ ކާނަލް އިބްރާހީމް ރަޝީދު، އެޖުޓަންޓް ޖެނެރަލް ކާނަލް މުޙައްމަދު އިބްރާހީމް، ކޮމާންޑަރ މާލެ އޭރިއާ ކާނަލް އަޙްމަދު ޣިޔާސް، ކޮމާންޑަރ ސެންޓްރަލް އޭރިއާ ކާނަލް އިބްރާހީމް ޙިލްމީ އަދި ކޮމަޑާންޑް ކޯސްޓްގާޑް ކާނަލް މުޙައްމަދު ސަލީމެވެ.

މިމައްސަލަ ލަފާދޭ މަޖިލީހަށް ގެންދިޔައިރު، ސިފައިންގެ ޚިޔާލާއި މަޝްވަރާ ހިމެނޭހެން، މުޅި އަސްކަރިއްޔާއަށް އެންމެ ފައިދާހުރި ގޮތަށް އަދި ހުރިހާ ސިފައިންގެ މަޞްލަޙަތަށް ވިސްނަވައިގެން، އިންސާފުވެރިކަމާއެކު، ދެފުށްފެންނަ ގޮތެއްގައި، އެލަވަންސް ފައިސާޔާ ގުޅޭ އެންމެހާ ކަންކަން ކުރިއަށްގެންދިއުމަށް މަޖިލީހުގައި ދަންނަވާފައިވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، ދިވެހި އަސްކަރިއްޔާގެ ސިފައިންނަކީ ދިވެހިރާއްޖެއަށް ދިމާވާ ޤުދުރަތީ ކާރިސާތަކާއި އަލިފާނުގެ ހާދިސާތަކާއި ކަނޑުމަތީގެ ހާދިސާތަކާއި އެނޫންވެސް ނުރައްކާތެރި ބޮޑެތި ހާދިސާތަކުގައި، ރައްޔިތުންގެ ފުރާނަޔާއި މުދާ ސަލާމަތްކުރުމުގައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އިސްވެ ޙަރަކާތްތެރިވުމަށް، ސިފައިންގެ ޤާނޫނުން މަތިކޮށްފައިވާ ބައެއްކަމަށެވެ.

"ޤައުމާއި ރައްޔިތުން، އެހީގެ އަތަކަށް އެދޭ ކޮންމެ ފަހަރަކު، "ފަރސްޓް ރެސްޕޮންޑަރސް"ގެ ގޮތުގައި، "ފްރަންޓްލައިން"ގައި ހުޝިޔާރުކަމާއެކު، ސިފައިން ކުރާ މަސައްކަތް އަޅުގަނޑުމެން އެންމެން ބަލައިގަންނަނީ ނުހަނު އުފަލާއި ޝުކުރާ އެކީގައެވެ." މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މިގޮތުން، ކޯވިޑް-19 އާ ދެކޮޅަށް ސަރުކާރުން ހިންގަވާ އޮޕަރޭޝަންތަކުގެ އެންމެ ކުރީ ސަފުގައިވެސް، ދިވެހި ސިފައިންދަނީ، ކަމާބެހޭ އެހެން އިދާރާތަކާއެކު، އެއްވެސް ފަސްޖެހުމެއް އަދި ވަރުބަލިކަމެއްނެތި، ރެއާއި ދުވާލު، ޙަރަކާތްތެރިވަމުން ކަމަށް މާރިޔާ ވިދާޅުވިއެވެ. އަޅުގަނޑުގެ ދުޢާއަކީ، ސިފައިންގެ ޤާނޫނާ އެއްގޮތަށް، ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު، ޤައުމީ ވާޖިބު އަދާކުރުމާއި ސިފައިންގެ ހުވާގެ މަތީގައި ފައިތިލަ ސާބިކޮށްގެން ދެމިތިބުމުގެ ހެޔޮ ތައުފީޤު، މާތްﷲ ސިފައިންނަށް މިންވަރުކޮށްދެއްވުމެވެ. އަދި ކޯވިޑް-19 ގެ ނުރައްކަލުން އަޅުގަނޑުމެން އެންމެން ސަލާމަތްކޮށްދެއްވުމެވެ. އާމީން.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ