ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިސްތިއުފާއަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާ ލައްވައިފިއެވެ.
މިނިސްޓަރު މާރިއާގެ އިސްތިއުފާއަށް އުމަރު ގޮވާލައްވާފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެން ހުންނަވާ އެކަމަށް އެކަށީގެންވާ ފިޔަވަޅެއް އަޅުއްވާފައި ނުވާތީއެވެ.
އަދި މިއީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ވަރަށް ބޮޑު އިހުމާލެއް ކަމަށާ މިއީ އެކަމަނާ ވަގުތުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމެއް ކަމަށް އުމަރު ވިދާޅުވިއެވެ.
ބަޔަކު ރާވައިގެން ނަޝީދަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު އާންމުން މީހެއްގެ ފަރާތުން ލިބުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވަނީ އެކަން މިނިސްޓަރު މާރިޔާއާ ހިއްސާކުރައްވާފައެވެ. އަދި ރާއްޖެ އެމްވީއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މާރިޔާ ވަނީ އެކަން ކަށަވަރުވެސް ކޮށްދެއްވާފައެވެ.
ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު ލިބިގެން އެކަން މިނިސްޓަރު މާރިޔާއަށް ހިއްސާ ކުރެއްވި ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުވެސް މިއަދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް ރާއްޖޭގައި ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާއަށް މިހާރުވަނީ ޖަރުމަންވިލާތަށް ވަނީ ފުރާވަޑައިގެންފައެވެ.